ނޭޝަންސް ލީގުގައި ބައިވެރިވާ ޕޯޗުގަލްގެ ޓީމު ބުރާސްފަތި ދުވަހުވަނީ އިޢުލާންކޮށްފައެވެ.
ޕޯޗުގަލްއިން އިޢުލާންކުރި މިޓީމު ލީޑުކުރަންހުރީ ޖުވެންޓަސްއަށް ކުޅެމުން އަންނަ ކްރިސްޓީއާނޯ ރޮނާލްޑޯއެވެ. މިދިޔަ ވޯލްޑްކަޕަށްފަހު ނެގި ބްރޭކްގެ ފަހުން ރޮނާލްޑޯ ޕޯޗުގަލްއަށް މަދުމެޗެއް ކުޅެދީފައިވާއިރު ނޭޝަންސް ލީގުގައި އަދި ކުޅެފައެއް ނުވެއެވެ.
ބެންފީކާއަށް ކުޅެމުން އަންނަ ޒުވާން ހުނަރުވެރި ޖުއާއޯ ފޭލިކްސްއަށްވެސްވަނީ ޕޯޗުގަލް ޓީމުން ފުރަތަމަ ފަހަރަށް ފުރުޞަތު ލިބިގެން ގޮސްފައެވެ. ފޭލިކްސް ސީޒަންގައި ކުޅުނު 26 މެޗުން 15 ލަނޑު ބެންފީކާއަށް ކާމިޔާބުކޮށްދީފައިވެއެވެ.
ޔޫރޮޕާ ލީގު ކުއާޓާ ފައިނަލްގައި ބެންފީކާ، ފްރެންކް ފާޓާއި ދެކޮޅަށް ކުޅުނު މެޗުގައި ފޭލިކްސްގެ ފަރާތުން ވަނީ މޮޅުކުޅުމެއް ފެނިގެން ގޮސްފައެވެ. އުމުރުން 19 އަހަރުގެ ފޭލިކްސް އެމެޗުގައި ހެޓްރިކެއްވެސް ހަދާފައިވެއެވެ. އަދި ޔޫރޮޕާ ލީގުގައި ހެޓްރިކް ހެދި އެންމެ ޒުވާން ކުޅުންތެރިންގެ ލިސްޓަށްވެސް ފޭލިކްސްވަނީ އަރާފައެވެ.

އެމެޗުގައި ފޭލިކްސްގެ ފަރާތުން ފެނުނު މޮޅު ކުޅުމާއެކު ދުނިޔޭގެ ބޮޑެތި ކްލަބްތައްދަނީ އޭނާއަށް ފާރަލަމުންނެވެ. އޭގެތެރޭގައި ޔުނައިޓެޑް، ރެއަލްމެޑްރިޑް އަދި ޔުވެންޓަސް ހިމެނެއެވެ.
ޖޫން 5 ވަނަ ދުވަހު ނޭޝަންސް ލީގު ސެމީގައި ސްވިޒަލޭންޑާއި ދެކޮޅަށް ޕޯޗުގަލް ނިކުންނައިރު ކްރިސްޓިއަނޯ ރޮނާލްޑޯއާއެކު ފޭލިކްސް ފެނިގެން ދިއުން އެކަށީގެންވެއެވެ. މިދެކުޅުންތެރިންގެ އެކުގައި ކުޅޭތައް ބަލަން އެތަށް ބަޔަކު މިހާރުހުރީ ކެތްމަދުވެފައެވެ.
ސްވިޒަލެންޑް ބަލިކޮށް ނޭޝަންސް ލީގު ފައިނަލަށް ދިއުމުގެ ފުރުޞަތު ޕޯޗުގަލްއަށް އޮތްއިރު ފައިނަލްގައި އަނެއްކޮޅުން ބައްދަލުކުރާ ޓީމެއް އެނގިގެންދާނީ އިންގްލޭންޑް އަދި ނެދަލޭންޑް ބައްދަލުކުރާ މެޗަށްފަހުގައެވެ. އެމެޗު އޮންނާނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުގެ ރެޔެވެ.