3 ރަށަކުން މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށް، އަންހެނަކު ކަރަންޓީނުގައި ބަހައްޓައިގެން ތަހުގީގު ފަށައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން އުތުރުގެ ތިން ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެެއް ހިންގައިފި އެވެ.

އިއްޔެ ހިންގި އެ އޮޕަރޭޝަން ތަކުގެ ތެރެއިން ރ. އަތޮޅު ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޮތުން އުނގޫފާރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއްގެ އިތުރުން މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ބ. ތުޅާދުއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 73 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި މި ތަކެތި ފެނިފައިވަނީ ތުޅާދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި، މާލެއިން ތުޅާދުއަށް އައި ބޯޓަކުން ގެނައި ފޮށިގަނޑެއް ބަލައި ފާސްކުރުމުގެތެރޭގައި ކަމަށް ފުލުހުން ވިދާޅުވި އެވެ.

ނ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ވެލިދުއަށް އެތެރެކުރި މަސްތުވާތަކެތި ވެސް އިއްޔެ ވަނީ ހޯދާފައި އެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން އަންހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބުލެޓު ސައިޒުގެ ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި އޭނާއަކީ މާލެއިން ވެލިދުއަށްއައި މީހަކަށްވާތީ އޭނާ ހައްޔަރުނުކޮށް ކަރަންޓީނުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ