ފުލުހުން ކިތަންމެ އިންޒާރެއް ދިނަސް ޤައުމުގެ ޙައްޤުގައި ދިވެހިން ތެދުވާނެކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވެފައި މިވަނީ، އިދިކޮޅުން މިއަދު ބޭއްވި ސިޔާސީ ހަރަކާތުގައި އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ އަދި މާސްކް ނާޅާ ހަރަކާތްތެރިވެފައިވާކަމަށާއި، މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށް ފުލުހުން ވިދާޅުވުމާއި ގުޅިގެންނެވެ.
އެގޮތުން ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި އަދުރޭ ވިދާޅުވީ، ކިތަންމެ އިންޒާރެއް ދިނަސް ދިވެހިން ދިވހެި ޤައުމުގެ ޙައްޤުގައި ތެދުވެ، އިސްލާމްދީން ދިފާޢުކުރާނެކަމަށެވެ. އަދި ޤައުމު އަޅުވެތިކުރާތަން ބަލަން ދިވެހިން ނުތިބޭނެކަމަށާއި، މިނިވަންކަން ދަމަހައްޓާ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރަން ދިވެހިން ތެދުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Kithanme inzaareh dhinas dhivehin dhivehi Gaumuge haggugai thedhuvaane.dheen dhifaau kuraane.minivankan dhamahattaane.rayyithunge hagguthah kashavaru kuraane.gaumu alhuvethi kuraathan balaakah dhivehin nuthibeyne @DhiyaresNews @dhenonline @Ch13official @avasmv @AdhivesOnline pic.twitter.com/ccLtlBthZa
— Abdul Raheem Abdulla (@Banafsaa) August 28, 2020
އިދިކޮޅުގެ މިއަދު ކުރިއަށްގެންދިޔަ ޙަރަކާތާއި ގުޅިގެން ފުލުހުން ވިދާޅުވީ، މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާކަމަށާއ، އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ޙާލަތުގައި ނެތް ރަށްރަށުގައި ރާއްޖެ ވިއްކާލުމާއި ދެކޮޅަށް އިދިކޮޅުން ކުރިއަށްގެންދިޔަ މިހަރަކާތުގައި މިސަރުކާރުން ކުރަމުންދާ ވައްކަމާއި ދެކޮޅަށްވެސް އަޑުއުފުލާފައިވާއިރު، ސަރުކާރު ފެއިލްވެއްޖެކަމަށް ގޮވާލާ، މިސަރުކާރު އިސްތިއުފާ ދިނުމަށްވެސް އިދިކޮޅުންވެސްވަނީ ގޮވާލާފައެވެ.





