ކ.ދިއްދުށީގައި މިރޭވެސް ހަމަނުޖެހުންތަކެއް ކުރިޔަށް ދާ ކަމަށް "ފެށުމަށް" މަޢުލޫމާތު ލިބިއްޖެއެވެ.
ވައްކަމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް، ފުލުހުންނަށް އެ މައްސަލަތަކަށް ހައްލެއް ހޯދައިދެވިފައި ނުވާތީކަމަށްބުނެ ރޭވެސް ދިއްފުށީގައި ހަމަނުޖެހުންތަކެއް ހިންގާފައިވެއެވެ. ރޭގައި ހިނގި ހަމަނުޖެހުންތަކުގައި ފަސް މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.
"ފެށުމަށް" މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ވައްކަމުގައި ބައިވެރިވި ކަމަށް ބުނާ މީިހަކު މީހަކު ގޮވައިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އެރަށު ފިހާރައަކުން ގެއްލުނު ތިޖޫރި ހޯދާފައިވެއެވެ. 180،000 ރުފިޔާއާއެކު ގެއްލުނު ތިޖޫރި ފެނުނުއިރު އޭގައި އެއްވެސް ފައިސާއެއް ނެތްކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
އެރަށުން "ފެށުމާ" ވާހަކަދެއްކި ފަރާތްތަކުން ބުނީ، ވައްކަމުގައި ބައިވެރިވި މީހާ ގޮވައިގެން ގޮސް ތިޖޫރީ ހޯދިއިރު ފައިސާ ނެތުމުން، ތިޖޫރި ދެއްކި މީހާއަށް ބައެއް މީހުން ހަމަލާދީ އެމީހާ ޒަޚަމްކޮށްލިއިރު، އޭނާގެ އަތާއި ފައިގައި ލަކުޑި ބުރިންތަޅާ އަނިޔާ ކޮށްފައިވާ ކަމަށެވެ. އެ ހަމަނުޖެހުންތަކުގެ ތެރޭހައި އޭނާގެ ބޮލަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ދިއްފުށީގައި ހިނގާ ވައްކަންތަކުގެ މައްސަލަތައް ފުލުހުންނަށް ތަޙްޤީޤު ނުކުރެވޭކަމަށްބުނެ މިރޭ ނިކުތް ފަރާތްތަކުން މިހާރު ދަނީ އެ ވައްކަމާ ގުޅުންހުރި ދެވަނަ މީހަކާ ސުވާލު ކުރަމުން ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިކަމާ ގުޅިގެން ސުވާލު ދެންނެވުމުން ދިއްފުށީ ކައުންސިލްގެ ރައީސް ވަނީ، "ބިޒީކަމަށް" ބުނެ އެކަމާ ބެހޭގޮތުން ވާހަކަރައްކަން އިންކާރު ކޮށްފައެވެ. ނަމަވެސް ތަކުރާރުކޮށް ސުވާލުކުރުމުން ކައުންސިލްގެ ރައީސް އިބްރާހީމް އަޒީމް ވިދާޅުވީ، "ކަމެއް ހިނގައިގެން އެކަމެއްގެ ތެރޭގައި" އުޅުއްވާ ކަމަށެވެ.
ދިއްފުށީގައި ރެއާއި، މިރޭ ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.