އަލިފާނުގެ ހާދިސާގައި ގެއްލުންވި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ކުރުމަށާއި، އަދި އެފަރާތްތަކުގެ ބޯހިޔާވަހިކަމަށް ގެސްޓް ހައުސްތައް ހަމަޖެއްސުމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަން އިން ގޮވާލައިފިއެވެ.

ރޭ އަލިފާނުގެ ހާދިސާ ހިންގާފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ޖެހިގެން ހުރި ކެފޭ ޓިއޯލޯ”އިމަރާތުގައެވެ. ފުރަތަމަ އަލިފާން ރޯވެފައި ވަނީ އެސްބީއައި އިމާރާތާއި އާއި ޖެހިގެން ހުރި “ކެފޭ ޓިއޯލޯ” ގައެވެ.

އއެސްބީއައި އާއި އިންވެގެން ހުރި ކެފޭގައި އަލިފާނުގެ ހަދިސާއެއް ހިނގާ އިމާރާތް އަނދާ ހުލިވެ، އަދި ޖެހިގެން ހުރި އިމާރާތަކަށް އަލިފާނުގެ އަސަރުކޮށް ވަރަށް ބޮޑަށް ގެއްލުން ލިބުނު ޚަބަރު މިކޯލިޝަނުން އެހީ ނުހަނު ކަންބޮޑުވުމާއި އަސަރާއިއެކު ކަމަށާއި މިހާދިސާގައި ގެއްލުން ލިބުނު ޢާއިލާތަކަށް ކޯލިޝަންގެ ހަމްދަރުދީ ފާޅުކޮށް، މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެފަރާތްތަކަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާކުރާ ކަމަށް ކޯލިޝަން އިން ވިދާޅުވިއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުރާނައަށް ބެލުމެއް ނެތި ޙަރަކާތްތެރިވާ އެންމެހާ ފަރާތްތައް ޙާއްސަކޮށް ދިވެހި ސިފައިންނާއި ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކަށް ކޯލިޝަންގެ ފަރާތުން ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށާއި ހަމައެއާއެކު މިހާދިސާ ހިނގަން ދިމާވި ސަބަބު ހޯދާ އެކަން ދިވެހި ރައްޔިތުންނަށް ހާމަކުރުމަށްވެސް ކޯލިޝަންގެ ފަރާތުން ގޮވާލާފައި ވެއެެވެ.

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލުން ލިބި ހާލުގައި ޖެހިފައިވާ ޢާއިލާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެފަރާތްތަކުގެ ބޯހިޔާވަހިކަމަށް ސްކޫލްތައް ހަމަޖެއްސެވުމުގެ ބަދަލުގައި ގެސްޓް ހައުސްތަކުން އެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަށްވެސް ގޮވާލާފައި ވެއެވެ.

މިފަދަ ހިތާމަވެރި ހާދިސާތައް ސިޔާސީ ކުރުމަށް ސަރުކާރު ހިންގާ ޕާޓީ އަށް ނިސްބަތް ވާ މީޑިއާތަކުން ކުރަމުން ގެންދާ ދަށު ދަރަޖައިގެ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އަދި ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށްވެސް މިކޯލިޝަންގެ ފަރާތުން އެފަދަ ތާކުން ތާކު ނުޖެހޭ ޚަބަރުތައް ފަތުރަމުން ގެންދާ މީޑިއާ ތަކަށް ގޮވާލާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޙާދިސާ ހިނގި ސަރަޙައްދަށް ވަޑައިގެން ދެއްވި އިންޓަރވިއުގައި ޙާދިސާއަށް ފޯކަސް ކުރެއްވުމުގެ ބަދަލުގައި، ވާދަވެރި ކޯލިޝަނުން ހިންގާ ސިޔާސީ ޙަރަކާތްތަކުގެ ވާހަކަތައް ދައްކަވާފައިވާތީ އެކަން ކޯލިޝަނުން ކުށްވެރިކޮށް، މި ހިތާމަވެރި ދަނޑިވަޅުގައި ސިޔާސީވުމުގެ ބަދަލުގައި އެފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އަވަސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ކޯލިޝަން އިން ގޮވާލާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ