ޕީޕީއެމް-ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުޢިއްޒު ވާހަކަ ދައްކަވަނީ | ފޮޓޯ: ޕީޕީއެމް

މިސަރުކާރުން ފުލެޓުން ކުރީ ވައްކަން: މުއިއްޒު

މިސަރުކާރުން ފުލެޓުން ކުރީ ވައްކަން ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި ނުކުޅެދޭ މީހުންގެ ކެޓަގަރީއިން 90 ޕޮއިންޓު ލިބުނު ފަރާތަކަށް މި ސަރުކާރުން ޕޮއިންޓު ދިން އިރު ލިބުނީ 60 ޕޮއިންޓު ކަމަށާއި މި ސަރުކާރުން ކުރީ ފްލެޓުން ވައްކަން ކަމަށެވެ.

"މި ސަރުކާރުން، ފްލެޓުން ވައްކަންކޮށް، މަގުމަތި ކުރި ހުރިހާ ރައްޔިތުންނަށް، ޕީޕީއެމް، ޕީއެންސީން އޮތީ ތައްޔާރަށޭ އެހީވާން" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް، ޕީއެންސީން އެފަދަ ފަރާތްތަކަށް އެހީވުމަށް ޑެސްކެއް ބަހައްޓާނެ ކަމަށާއި އެފަރާތްތަކަށް ޕީޕީއެމް، ޕީއެންސީގެ ލޯޔަރުން ތިއްބެވީ ހިލޭ ސާބަހަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. ކޯޓަށް ގޮސް މިސަރުކާރުން ފްލެޓުން ކުރި ވައްކަން ބޭޒާރުކޮށް، ބަލިކޮށްލަން ކުރެވެން ހުރި ހުރިހާ ކަމެއް ޕީޕީއެމް، ޕީއެންސީން ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިތުރަށް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހެދި ފްލެޓު ކޮމެޓީން ގެންގުޅެނީ ވެސް ރަސްމީ އީމެއިލްއެއް ނޫން ކަމަށާއި ފްލެޓު ކޮމެޓީން އާންމު ރައްޔިތުމީހާ ގެންގުޅޭ ކަހަލަ އީމެއިލް އެއް ކަމަށެވެ. އަދި ފްލެޓު ކޮމެޓީން ހާލަތު ބަލަން ގޭގެއަށް ގޮއްސައި ހާލަތު ނުބަލައި އެތައްބަޔަކު މަގުމަތި ކޮށްފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރުން އެކި ކެޓަގަރީތަކުން ޝަރުތު ހަމަވި ކަމަށް ނިންމައި ފްލެޓުގެ ލިއުން ދިނީ ބޭއިންސާފުން ކަމުގެ ތުހުމަތު ކުރެވުމުން މި ސަރުކާރުން ވަނީ ޝަކުވާތައް ބަލަން ކޮމިޓިއެއް އެކުލަވާލައިފަ އެވެ. އެގޮތުން އެކުލާވަލި ފްލެޓު ކޮމިޓީން ވަނީ މައްސަލަތައް ބެލުމަށް ފަހު ހަތަރު ކެޓަގަރީއަކުން މުޅިން އާ ލިސްޓެއް އިއުލާންކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ