ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީގެ ހިދުމަތް އަނެއްކާވެސް މެދުކަނޑާލައިފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު މިނޫހަށް ވިދާޅުވީ، މިހާލަތުގައި ކުޅުދުއްފުށީ ހޮސްޕިޓަލްގެ އޯޕީޑީގެ ހިދުމަތް ވަގުތީ ގޮތުން ކުރިއަށް އޮތް ދެދުވަހަށް މެދުކަނޑާލެވިފައިވާކަމަށާއި ނަމަވެސް ޑޮކްޓަރަށް ދައްކަން އަންނަ ބޭނުންވާ ފަރާތްތަކުން އެރަށްރަށުގެ ހެލްތް ސެންޓަރުތައް މެދުކޮށް، ކުޅުދުއްފުއްޓަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
ކުޅުދުއްފުށިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެރަށު ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެއަށް ފޮނުވި ކުއްޖެކެވެ. މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ، އުމުރުން ހަތް އަހަރުގެ ކުޅުދުއްފުށީ ފިރެހެން ކުއްޖެކެވެ. އަދި މިކުއްޖާ ކޮވިޑް-19 އަށް ޕޮޒިޓިވުވިކަން އިނގިފައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރުމުގެ ކުރިން ނެނގި ސާމްޕަލުންނެވެ. މި ކުޑަކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވާލީ ޗާޓަރު ފްލައިޓެއްގައި އިއްޔެ އެވެ.
ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، އެރަށުން ޕޮޒިޓިވްވި ކުއްޖާ މާލެ ގޮސްފައިވަނީ ހަތަރު ދުވަހު އެރަށު ހޮސްޕިޓަލްގައި މަޑުކޮށްފައިކަމަށާއި، އެކުއްޖާ ޕޮޒިޓިވްވިގޮތް ސީދާ އަދި ނޭނގޭކަމަށެވެ. އެކުއްޖާމެން ގޭގައި އެއްވެސް މީހަކު ހޯމްކަރަންޓީނުވެފައިނުވާއިރު، އެކުއްޖާއަށް ކޮވިޑް ޖެހުނީ ރަށުތެރެއިންކަމެއް ހޮސްޕިޓަލުންކަމެއް ނޭނގޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހދ. ކުޅުދުއްފުއްށި މުހާރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެހެންކަމުން ކުޅުދުއްފުށީގައި މިވަގުތު ތިބި އެއްވެސް ފަރާތަކަށް އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި ހުއްދަނެތި އެއްވެސް މީހަކަށް ރަށަށް އެރުންވެސް މަނާ ވާނެއެވެ.
ކުޅުދުއްފުށިން އިތުރު ފަރުވާއަށް މާލެ ފޮނުވި ކުއްޖެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ