އިތުރު ފަރުވާއަށް ހދ.ކުޅުދުއްފުށިން މާލެ ފޮނުވާލި ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ކުޅުދުއްފުށީ ސްކޫލްތައް ބަންދުކޮށް، ޕަބްލިކް ހެލްތުގެ ޚިދުމަތްތައްވެސް މެދުކަނޑާލައިފިއެވެ.
ސަރުކާރުގެ ތިން ސްކޫލެއް ހުންނަ ކުޅުދުއްފުށީގެ ސްކޫލްތައް ބަންދުކޮށްފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން، އެ ހާލަތުން ނަގަންދެނެވެ. މިކަން އެ ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް އެންގުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަށާފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ 29 އޮގަސްޓު ވަނަ ދުވަހު ކުޅުދުއްފުށިން ކޮވިޑް-19 ގެ ކޭސްއެއް ފެނުމާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ނިމެންދެން އެނިޓުން ދެމުން ދާ ހިދުމަތްތަކުގެ ތެރެއިން ތުއްތު ކުދިން ބަރުދަން ބެލުމާއި، ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކު އަދި މާބަނޑު މީހުންގެ ކްލިނިކުގެ ޚިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށެވެ.
އިތުރު ފަރުވާއަށް ކުޅުދުއްފުށިން މާލެ ފޮނުވި7 އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ކުޅުދުއްފުއްޓަށް އަރާ ފޭބުން އޮތީ މަނާކޮށްފައެވެ. ނަމަވެސް އަތޮޅުގެ އެހެން ރަށްތަކަށް ކާބޯތަކެއްޗާއި ޟަރޫރީ އެހެން ތަނެތި ހޯދުމަށް އެރަށަށް ދިއުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ނަމަވެސް މިގޮތަށް ދާ ފަރާތްތަކަށްވެސް ރަށަށް އަރާ ފޭބުމުގެ ހުއްދަ ނުދެއެވެ.