"އެޗްޕީއޭގެ އުސޫލުތަކަށް ތަބާވާންޖެހެނީ ހަމައެކަނި ސިޔާސީ ވާދަވެރިންތޯ؟"

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އުޞޫލުތަކަށް ތަބާވާންޖެހެނީ ހަމައެކަނި ވާދަވެރި ސިޔާސީ ފަރާތްތަކުން ކަމާމެދު އިދިކޮޅު ޕީއެންސީގެ ރައީސް ފޮނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ސުވާލު އުފައްދަވައިފިއެވެ.

އަދުރޭ މިފަދަ ސުވާލެއް އުފައްދަވާފައިވަނީ، އެމްޑީޕީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއާއި، ބައެއް ވަޒީރުންނާއި، އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ދާދި ފަހުން މާސްކް ނާޅުއްވާ އެކިއެކު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަނިކޮށް ނަގާފައިވާ ފޮޓޯޓަކަކާއެކު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް (ރައީސް ޞޯލިޙް) ޓްގްކުރައްވައި ޓްވިޓަރގައި އަދުރޭ ވިދާޅުވީ، "މި ފޮޓޯތަކުން މިފެނިވަޑައިގަންނަވާ ބޭފުޅުންނަށް ޗިޓް ފޮނުވަން "ޅިޔަނު ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދަށް" އަންގާލަންވީ ނޫންތ؟ޯ" ކަމަށެވެ.

"އެޗްޕީއޭގެ ގަވާއިދަށް ޢަމަލުކުރަންޖެހެނީ ހަމައެކަނި ވާދަވެރި ސިޔާސީ ފަރާތްތަކުންތޯ؟ ކީރިތި ނުކުރައްވާ ޖަވާބެއް ދެއްވަބައްލަވާ!" އަދުރޭގެ ޓްވީޓް ކުރުކޮށްލަމުން ވިދާޅުވެފައެވެ.

މިފަދަ ބަހުގެ ހޫނު ބަހުގެ ހަމާލާއެއް ރައީސް ޞޯލިހަށް އަމާޒުކުރައްވާފައި މިވަނީ ހުކުރު ދުވަހު ހަވީރު އިދިކޮޅު ފަރާތްތަކުން މާލޭގައި ގިނަ އަދަދެއްގެ ޒުވާނުންނާއެކު ބޭއްވި ސައިކަލު ބުރުގައި މާސްކް ނާޅުއްވައި އުޅުނު މައްސަލައިގައި، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ހިލާފަށް އަމަލުކޮށްފައިވާތީ 1000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވަނިކޮށެވެ.

އިދިކޮޅު ފަރާތްތަކުގެ ސައިކަލު ބުރުގައި އިސްކޮށް އުޅުނު ފަރާތްތައް ފުލުހަށް ހާޟިރުވުމަށް އަންގާފައިވާއިރު، ރައީސް ނަޝީދު އަދި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި، ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މާސްކް ނާޅުއްވައި، ގަައިދުރުކަން ނުބަހައްޓަވާ އުޅުއްވި މައްސަލަތަކާ ގުޅޭގޮތުން ފުލުހުންނާ މީޑީއާތަކުން ސުވާލުކުރުމުން ފުލުހުން ހުންނެވީ ހަނެވެ. މިހާތަނަށް އެކަމާމެދު ފުލުހުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ސައިކަލު ބުރެއް ބާއްވާފައިވަނީ މިފަދަ އެއްވުންތައް ނުބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އަންގާފައިވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ