ހދ. ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު ނަންބަރު 7/2012 (ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، ހދ. ކުޅުދުއްފުށި މޮނިޓަރިންގެ ޙާލަތް އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތްކަމަށެވެ.
ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތައް ގެނެސްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެއަށް ފޮނުވި ކުއްޖެއް ކޮވިޑް 19 އަށް ޕޮޒިޓްވްވުމާއި ގުޅިގެންނެވެ.
ނަމަވެސް ކުޅުދުއްފުށީ ކޭސް އާއި ގުޅިގެން މިހާތަނަށް ޓެސްޓްކުރި 24 މީހުން ނަތީޖާވެސް ނެގެޓިވް ކަމަށް، ހދ. އަތޮޅަށް ކަނޑައަޅާފައި ހުންނަ ކޮވިޑް ފޯކަލް އޮފިޝަލު އިއްޔެ ވިދާލުވެފައިވެއެވެ.
މިހާތަނަށް ޓެސްޓްކުރި 24 މީހުންގެ ތެރޭގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަ ނުހިމެނޭކަމަށްވެސް ވިދާޅުވިއެވެ. ކުއްޖާގެ މަންމައާއި ބައްޕަގެ ސާމްޕަލް ނަގާފައިވަނީ މާލެއިންނެވެ. އަދި އެމީހުންގެ ޓެސްޓްގެ ނަތީޖާ އަދި ނުލިބޭކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ކޭސްއާ ގުޅިގެން ޑައިރެކްޓް ކޮންޓެކްޓްވެފައިވާ 60 މީހެއް މިހާތަނަށް ފާހަގަ ކުރެވިފައިވާއިރު، އޭގެ ތެރޭގައި ހޮސްޕިޓަލްގެ ތިން މުވައްޒަފަކުވެސް ހިމެނެ އެވެ. ކޮވިޑް ފޯކަލް އޮފިޝަލު ވިދާޅުވީ މިހުރިހާ އެންމެންވެސް ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ.
އަދި މިއަދު ނަތީޖާ ނެގެޓިވް 24 މީހުން އިތުރު 14 ދުވަހަށް ކަރަންޓީނު ކުރެވޭނެކަމަށާއި، އެއަށްފަހު އެމީހުންގެ އިތުރު ޓެސްޓެއް ހަދާނެކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ، އުމުރުން ހަތް އަހަރުގެ ކުޅުދުއްފުށީ ފިރެހެން ކުއްޖެކެވެ. އަދި މިކުއްޖާ ކޮވިޑް-19 އަށް ޕޮޒިޓިވުވިކަން އިނގިފައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރުމުގެ ކުރިން ނެނގި ސާމްޕަލުންނެވެ. މި ކުޑަކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވާލީ ޗާޓަރު ފްލައިޓެއްގައި ހޮނިހިރު ދުވަހުއެވެ.
ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތައް ގެނެސްފައިވަނީ 29 އޮގަސްޓް 2020 ގައެވެ. އަދި މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ 30 އޮގަސްޓް 2020 ގައެވެ.