މާސްކް ނާޅާ މީހުން އެއްކޮށްގެން ކުޅު ބުރުވަމުން ވާހަކަ ދައްކަމުން ދުވަންޏާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލެކުރާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ލަތީފު މިހެން ވިދާޅުވެފައިމިވަނީ، އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން މާލޭގައި ބޭއްވި ސައިކަލު ބުރު އެއްވުމުގައި ބައިވެރިވުމާ ގުޅިގެން ފުލުހުންގެ އިދަރާއަށް އިއްޔެ އެމަނިކުފާނު ޙާޒިރުކުމުން އެކަން ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކެވުމުން އެކަމާއި ގުޅުވައިގެންނެވެ.
ލަތީފު ވަހީދުއަށް އަމާޒުކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހަށް ހާޒިރުކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ގޮތެއްނެތްކަމެއް ނޫންކަމަށެވެ. އެއީ މި ބަލިން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި އެމަނިކުފާނުކުރައްވާ ހިކުމަތްތެރި މަސައްކަތުގެ ބައެއްކަމަށެވެ.
Mask naalhaa meehun ekkoggen kulhu buruvamun vahaka dhakkamun dhuvvanyaa Fulus Office ah hazirukoh suvalu kuraane. E ee Raees @ibusolih ge gotheh neiy kameh noon. E ee mi balin Gauma Rayyithun salamaiy kurumah R.Solih kuravva hikmaiytheri masakkathuge baehhttps://t.co/dBxEQ3Zatl
— Hassan Latheef? (@HassanLatheef) August 30, 2020
ޑރ. ވަހީދު އިއްޔެ ވިދާޅުވީ، އެއްވުމުގައި އެމަނިކުފާނު ހުންނެވީ މާސްކު އަޅުއްވައިގެން ކަމަށާއި އެހެން ނަމަވެސް މާސްކު ތިރިކޮށްލީ ވާހަކަ ދައްކަން އުނދަގޫވާތީ ވާހަކަ ދައްކަން އެކަނި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ފުލުހަށް ހާޒިރު ކުރިއިރު، އެމަނިކުފާނަކީ ރާއްޖެއިން އެންމެ ފުރަތަމަ މާސްކު އެޅި އެކަކު ކަމަށް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވަނީ މިސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވެއެވެ.
“އަޅުގަނޑަކީވެސް ރައީސްކަން ކޮށްފައިވާ މީހެއް. ދުވަހަކުވެސް ސިޔާސީ ބޭނުނަކަށްޓަކައި ފުލުހުން ބޭނުންކޮށްފައިނުވާނެ. އެ މުއައްސަސާ އަގުވައްޓާލުމަށް މަސައްކަތްކޮށްފައިނުވާނެ.” ރައީސް ވަޙީދު ވިދާޅުވެފައިވެއެވެ.
މި މަހުގެ 28 ވަނަ ދުވަހު މާލޭގައި ބޭއްވި ޒުވާނުންގެ ސައިކަލު ބުރު މުޒާހަރާއާއި ގުޅިގެން، ފުލުހުން ބުނެފައިވަނީ މި ހަރަކާތުގައި އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާކަމަށާއި މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށެވެ.
އެގޮތުން، އިދިކޮޅު ކޯލީޝަނުން މާލޭގައި ބޭއްވި މިސައިކަލު ބުރާއި ގުޅިގެން ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއުވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވެއެވެ. އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ)އަށްވެސް ވަނީ ފުލުހަށް ހާޒިރުވާން އިއްޔެ ޗިޓު ފޮނުވައިފައެވެ.




