މިއުޒިކީ މަރުކަޒެއް ގާއިމް ކުރުމަށް މަޖިލީހަށް ގަރާރެއް

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފެވެ. ހަސަން ލަތީފް މި ގަރާރު މީސްމީޑިއާގައި ހިއްސާ ކުރައްވަމުން ވިދާޅުވެފައިވަނީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑުތި މައްސަލަތައް ހައްލު ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރުވެސް ޒުވާނުން އުޅެންޖެހިފައިވާ ހާސްކަމުން ބޭރުގައި ރައްޓެހިއްނާ އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަ ކޮއްލެވޭނެ މަރުކަޒެއް ގާއިމުވުން ބޭނުންތެރި ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރާ ބޭހޭ ވަޒީރު ކަންވެސް ކުރައްވައިފައިވާ ހަސަން ލަތީފުގެ ގަރާރުގައި ބުނެފައިވަނީ، ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރީންނާއެކު ހީ ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލައި ވަގުތު ހޭދަކޮށްލެވޭނޭ މަރުކަޒަކަށް މިވަނީ އިންތިހާއަށް ބޭނުންވެފައި ކަމަށެވެ.

"ދިވެހި ޒުވާނުންގެ ތެރޭގައި އާދަޔާޚިލާފު ކުޅަދާނަ ފަންނާނުން އެބަތިއްބެވެ. އަދި މިއުޒިކްގެ ހުނަރު ދަސްކުރާން ބޭނުން އެތައް ޒުވާނުންނެއްވެސް އެބަތިއްބެވެ. އެހެންކަމުން، މިއުޒިކް ރެކޯޑިންގް ސްޓޫޑިޔޯއާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނާން ޖެހެއެވެ. ރަނގަޅު އަދަދެއްގެ އޯޑިއެންސްއަކަށް ޝޯ ދެވޭނެބ އިންތިޒާމް އެމަރުކަޒުގައި ހަމަޖެހުން މުހިއްމެވެ." ހަސަން ލަތީފުގެ ގަރާރުގައި ބުނެފައި ވެއެވެ.

މި ގަރާރު މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލް ކޮށްފައެވެ. ހަސަން ލަތީފް ޒުވާނުންނާއި ގުޅުންހުރި ގަރާރެއް މަޖިލީހަށް ހުށަހަޅުއްވައިފައި މިވަނީ މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ކުޅިޗވަރުގެ ކަންކަން އެންމެ އެކަށީގެންވާ ގޮތަށް ނުކުރެވޭކަން ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވިތާ މާގިނަ ދުވަސް ނުވަނީހެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ