ދަންތުރަ (01)

އޮއްސެމުން ދިޔަ އިރުގެ ދޯދިތަކުން އުޑުގެ އެކި ހިސާބުތަކަށް ފެތުރިފައިވާ ވިލާތަކަށް އެޅިފައިވާ ރަން ކުލައިގެ ސަބަބުން ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނަސްދީފައިވެއެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތަކުން ހިތްތަކަށް ހަމަޖެހުން ލިއްބައިދެއެވެ. އަދި ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑު އެ ހުރިހާ ކަމަކާ އެކުވުމުން މާޙައުލަށް އިތުރު ހިތްގައިމުކަމެއް ގެނަސްދެއެވެ. ހީވަނީ މޮޅު ކުރެހުންތެރިޔަކު ކުރަހާލާފައިވާ ހިތްގައިމު ކުރެހުމެއްހެންނެވެ.

އޮށޯވެލެވޭގޮތަށް ގޮނޑުދޮށުގައި ބަހައްޓާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި މިއުވާން އޮށޯވެލައިގެން އޮތީ ކުރިމަތިން ފެންނަމުންދިޔަ ރީތި މަންޒަރުތަކަށް ގެއްލިފައެވެ. ޤުދުރަތުގެ އެ ފުރިހަމަކަށް ފުންކޮށް ވިސްނާލުމުން އާޝޯޚުވާހާވެއެވެ. އެ މަންޒަރުން އުފާ ލިބިގަތުމަށްޓަކައި އެތައް ބަޔަކު އޭރު އެހިސާބުގައި ތިއްބެވެ. މިއުވާން އެހެން އޮއްވާ ކުއްލިއަކަށް ކުޑަކުޑަ އަތްތިލައަކުން ފަހަތުން އޭނާގެ ލޯމަތީގައި އަތްއެޅިއެވެ. އެއީ ކާކުކަން ދެނެގަންނާކަށް މިއުވާނަށް ސިކުންތެއްވެސް ނުނެގިއެވެ. އެވަގުތު އޭނާގެ ތުންފަތްމަތިން އުފާވެރި ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ.

"ތިއީ ކާފަގެ ނީޝްއެއްނު." ހުރި ހަމައެކަނި ކާފަ ދަރިފުޅާ މުޚާޠިބުކޮށް މިއުވާން ބުންޏެވެ.

"ޔެސް! ޔެސް! ކާފަ ހާދަ މޮޅޭ." އެވަގުތު ތިން އަހަރުގެ ނީޝަމްގެ އުފާވެރި އަޑު އިވިގެންދިޔައެވެ. އަދި އެކުއްޖާ ދުވެލާފައި އައިސް މިއުވާންގެ އުނގަށް އެރިއެވެ.

ނީޝަމްގެ ފަހަތުން ހެވިފައި ހުރެ މިއުވާންގެ އަންހެނުން އިނާޝާވެސް އައިސް މިއުވާން އިށީނދެ އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެލިއެވެ.

"ކޮބާ އެކުދިން؟" ނީޝަމް ދިން ޖެލީއެއް ކަނޑައިދެމުން މިއުވާން އިނާޝާއާ ސުވާލުކޮށްލިއެވެ.

"އެކޮޅުން އިރު އޮއްސޭ މަންޒަރު މާ ރީއްޗަށް ފެންނާނެޔޭ ކިޔާފަ ވެއްޖެ ފޮޓޯ ނަގަން އެދިމާއަށް ގޮސް." އަތުން އިޝާރާތްކޮށްލަމުން އިނާޝާ މިއުވާނުގެ ސުވާލަށް ޖަވާބު ދިނެވެ.

މިއުވާންއާއި އިނާޝާގެ ކައިވެންޏަށް ހަތާވީސް އަހަރު ފުރިފައިވާއިރު އެ ދެމަފިރިންނަށް ލިބިފައިވަނީ ދެ ފިރިހެން ކުދިންނެވެ. މިހާރު މިއުވާންގެ އުމުރުން ސާޅީސް އަށް އަހަރެވެ. އަދި އިނާޝާއަށް ސާޅީސް ފަސް އަހަރެވެ. އެ ދެމީހުންގެ ދޮށީ ދަރިފުޅު މާނިއުއަކީ ވަކީލުކަން ކިޔެވުމަށްފަހު އަމިއްލަ މީހެއްގެ ލޯފާރމެއްގައި ވަޒީފާ އަދާކުރަމުންދާ ސައްބީސް އަހަރުގެ ހަރުދަނާ ޒުވާނެކެވެ. މާނިއުއާއި ބަސްމާގެ ކައިވެންޏަށް ލިބިފައިވާ ހަމައެކަނި ދަރިފުޅަކީ ނީޝަމްއެވެ. މިއުވާންގެ ހަގު ދަރިފުޅު މާހިދުގެ އުމުރުން އެކާވީސް އަހަރެވެ. އޭނާއަކީ ޝަރީޢާ އެންޑް ލޯ އިން ބެޗްލާރސް ޑިގްރީ ހަދަމުންދާ ކިޔަވާކުއްޖެކެވެ. މިއީ އޭނާގެ ކޯހުގެ ދެވަނަ އަހަރެވެ. ދަރިންނާއެކު މިއުވާންގެ ޢާއިލާ އުޅެމުން ދަނީ އުފާވެރި، ހަމަޖެހޭ ދިރިއުޅުމެކެވެ.

މިއުވާންއަކީވެސް ބިޒްނަސްގެ ދާއިރާއިން ޑިގްރީއާ ހަމައަށް ކިޔެވުމަށްފަހު އަމިއްލަ މީހެއްގެ ކުންފުންޏެއްގައި މަތީ މަޤާމެއްގައި ވަޒީފާ އަދާކުރަމުންދާ މީހެކެވެ. ސްކޫލްގައި އުޅުނު ދުވަސްވަރުގެ އިތުރުން ކޮލެޖްގައި އުޅުނު އިރުވެސް އޭނާއަކީ ކާމިޔާބު މީހެކެވެ. އޭރު އޭނާއަކީ ރީތި ފިރިހެން ކުދިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ އެކަކެވެ. ކިޔެވުމުގެ އިތުރުން އިތުރު ޙަރަކާތްތަކުގައިވެސް އޭނާގެ ނަން ވިދާލައެވެ. އެހެންކަމުން އޭރު އަންހެން ކުދިން ތިބެނީ އޭނާއަށް މަށަށް މަށަށް ގޮވާލަ ގޮވާލައެވެ. އިނާޝާވެސް އެއީ އޭގެ ތެރެއިން އެކަކެވެ. މިއުވާންގެ ހިތް ފަތަޙަކުރެވުނު ހަމައެކަނި އަންހެން ކުއްޖަކަށްވީ އިނާޝާއެވެ. އޭރު އުފެދުނު ލޯބީގެ ގުޅުން ކައިވެންޏަކާ ހަމައަށް ދިޔައީ ދެފަރާތުގެ ޢާއިލާގެވެސް ރުހުމާއެކު ވަރަށް އަމާން އޮމާންކޮށެވެ. އޭގެ ފަހުން މިހާތަނާ ޖެހެންދެންވެސް އެކައިވެންޏަކީ އެފާވެރިކަމާއެކު ދެމިގެންގޮސްފައިވާ ކައިވެންޏެކެވެ. ދެމީހުންގެ މެދުގައި ބޮޑު އެއްވެސް މައްސަލައެއް ނުޖެހެއެވެ.

ވަޒީފާގެ ސަބަބުން ލިބޭ ނުތަނަވަސްކަން ފިލުވާލުމަށާއި ޢާއިލާގެ ގުޅުން ބަދަހިކޮށްލުމުގެ ނިޔަތުގައި ދެމަހުން އެއް މަހު ކަހަލަ ގޮތަކަށް ހަފްތާ ބަންދުގައި މިއުވާން ޢާއިލާ ގޮވައިގެން ރިސޯޓަކަށް ދަތުރު ގޮސްލައެވެ. އަދި އެކަމުގެ މަޤުސަދު ހާސިލުވެސްވެއެވެ. އިނާޝާއަކީ ގެވެހި އަންހެނެކެވެ. ދަރިންނަށް އޭނާ ދީފައިވާ ތަރުބިއްޔަތުގެ ސަބަބުން މިއަދު އެކުދިންނަކީ ބަސް އަހާ، ރަނގަޅު އަޚުލާޤެއްގެ ކުދިބަޔެކެވެ. އެއީ މިއުވާންމެން ދެމަފިރިންނަށް ލިބިފައިވާ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެކުދިން މިހާރު ޒުވާނުންނަށް ވެފައިވާއިރު މިއުވާނާއި އިނާޝާއަށް ކުރާ ޤަދަރާއި އިޙުތިރާމަކީ އެކުދިންނަށް ދިން ރަނގަޅު ތަރުބިއްޔަތުގެ ފޮނި މޭވާކަމުގައި އެމީހުން ދެކެއެވެ.

"ބައްޕާ މާދަން ފުރުން އޮތީ ކިހާއިރަކުތަ؟" ފޯނުގެ ސްކްރީނަށް ނަޒަރުހުއްޓާލައިގެން އިނދެ މާހިދު ސުވާލުކޮށްލިއެވެ. އޭރު އެންމެން ދިޔައީ ރިސޯޓްގެ ރެސްޓޯރެންޓްގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުންނެވެ.

"މެންދުރު ބާރަ ޖަހާއިރު." އަނގައިގައި ހުރި ކާއެއްޗެހި ހުސްކޮށްލާފައި މިއުވާން ޖަވާބުދިނެވެ.

"ކިހިނެއްވީ؟" މާހިދުއާ ދިމާއަށް ބަލާލަމުން މިއުވާން ސުވާލުކޮށްލިއެވެ.

"ކުއްލިއަކަށް މާދަމާއަށް އެކްސްޓްރާ ކްލާހެއް ހަމަޖައްސައިފި. ނަސީބަކުން ހަވީރު އޮތީ." ކައިރީގައި ފޯނު ބާއްވާލަމުން މާހިދު ޖަވާބުދިނެވެ.

ރިސޯޓު ދަތުރު ނިންމާލުމަށްފަހު މިއުވާންމެންނަށް ގެއަށް ދެވުނީ ދޭއް ޖަހަން ކައިރިވެފައި ހުއްޓައެވެ. މެންދުރުގެ ކެއުމަށް ފަހު އެންމެންވެސް ކޮޓަރިތަކަށް ވަނީ ކުޑަކޮށް އަރާމުކޮށްލާށެވެ.

ޖެހިގެން އައި ދުވަހު ހެނދުނުގެ ސަޔަށްފަހު މިއުވާންއާއި މާނިއު އޮފީހަށް ދާން ނުކުތީ އެކުއެކީގައެވެ. މާހިދު ކޮލެޖަށް ދާން ނުކުތީ އޭގެ ކުޑަ އިރުކޮޅެއް ފަހުންނެވެ. ފިރިހެންވެރިން ދިއުމާއެކު އިނާޝާއާއި ބަސްމާ ކާމޭޒުމަތި ސާފުކުރުމަށްފަހު މެންދުރުގެ ކެއުން ތައްޔާރުކުރަން އަވަސްވެގަތެވެ. ބަސްމާއަށް އެހެން ހުރެވޭނީ ނީޝަމް ހޭލަންދެނެވެ. އެއަށްފަހު އޭނާއަށް އިތުރު ކަމެއް ކުރަން ފުރުސަތު ލިބޭނީ އަނެއްކާވެސް އެކުއްޖާ ނިދުމުންނެވެ. ނީޝަމްއަކީ ވަރަށް ހަލަނި ކުއްޖެކެވެ. އޭނާ ހޭލާ ހުންނައިރު ގޭތެރެއިން އަޑު ކަނޑައިގެން ނުދާނެއެވެ. އެއީ އެ ގޭގެ ދިރުމެވެ.

ނީޝަމް ހޭލައިގެން ކޮޓަރިން ނުކުމެގެން ފުރަތަމަވެސް އައީ ބަދިގެ ފަރާތަށެވެ. އެމަންޒަރު ފެނުމާއެކު ބަސްމާ ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ދެއަތް ދޮވެލުމަށްފަހު ނީޝަމް ފެން ވަރުވެރުވުމަށްޓަކައި ކޮޓަރިއަށް ދިއުމަށް އަވަސްވެގަތެވެ. ބަސްމާ ކޮޓަރިއަށް ވަދެ އިރުކޮޅެއް ނުވެ އުޅެނިކޮށް ދެން ފެނުނީ މާނިއު އައިސް ގެއަށް ވަތް ތަނެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަން ހުރީ ހާސްކަމެވެ. ސިޓިންގ ރޫމް ތެރެއިން މީހެއްގެ ހިލަންވީހެން ހީވެގެން އިނާޝާ ނުކުމެ ބަލާލިއިރު މާނިއު އަވަސް ފިޔަވަޅުތަކެއް އަޅަމުން އޭނާގެ ކޮޓަރިއާ ދިމާއަށް ދަނީއެވެ. އޮފީހަށް ދިޔައިރު ކަރުގައި އަޅާފައި އޮތް ޓައީ އޮތީ އޭނާގެ އަތުގައެވެ. އެހެންނޫނިއްޔާ މާނިއުއަކީ އޮފީހަށް ދިއުމަށްފަހު ގަޑި ނުޖެހެނީސް ގެއަށް އަންނަ ކުއްޖެއް ނޫނެވެ. އެހެންކަމުން ވެގެން އުޅޭ ގޮތެއް ބަލާލުމުގެ ނިޔަތުގައި އިނާޝާ ގޮސް މާނިއުގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. އިރުކޮޅަކުން އައިސް ދޮރު ހުޅުވީ ބަސްމާއެވެ.

"މާނިއު އެހާ އަވަހަށް ގެއަށް އެއައީ ކީއްވެ؟ އަނެއްކާ ބަލިވީތަ؟" ދޮރު ހުޅުވާލުމާއެކު އިނާޝާ ސުވާލުކޮށްލިއެވެ. އޭރު މާނިއު އިނީ އެނދުގައި އިށީނދެލައިގެން ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެންނެވެ. ނީޝަމް އިނީ ކުޅޭ އެއްޗެހިތައް ބިންމައްޗަށް އަޅާލައިގެން ކުޅުމުގެ ތެރެއަށް ގެއްލިފައެވެ.

"ވަޒީފާއިން ކަނޑާލީއޯ." ފަހަތަށް އެނބުރި މާނިއުއާ ދިމާއަށް ބަލާލަމުން ބަސްމާ ޖަވާބު ދިނެވެ. ބަސްމާ ބުނި އެއްޗަކުން އިނާޝާއަށް ލިބުނީ ހައިރާންކަމެވެ. މާނިއުއަކީ ވަޒީފާއަށް ނުހަނު ފަރުވާތެރި ކުއްޖެކެވެ. ދުވަހަކުވެސް ގަޑި ޖެހިގެން ނުވަތަ މަސައްކަތަށް ފަރުވާ ކުޑަވެގެން މައްސަލައެއް ޖެހިފައެއް ނެތެވެ. ތަންދޮރު އޮޅުން ފިލަން ފެށީއްސުރެ އޭނާއަކީ ކަންކަމަށް ފަރުވާތެރިވާ، ޒިންމާތައް އަމިއްލައަށް ނަގަން ދަންނަ ކުއްޖެކެވެ.

"އެއީ ތެދެއް؟ ކީއްވެޔޯ؟" ކޮޓަރިތެރެއަށް ވަންނަމުން އިނާޝާ މާނިއުއާ ސުވާލުކުރަން ފެށިއެވެ.

"ނޭނގެ. އަހަރެން އޮފީހަށް ދިޔައިރު މޭޒުމަތީގަ އޮތީ ސިޓީއެއް ބާއްވާފަ. އޭގަ އޮތީ މިއަދުން ފެށިގެން ވަޒީފާއިން ވަކިކުރި ވާހަކަ. އެއްވެސް ސަބަބެއް ނެތް. އެހެންވެ ސަބަބު އޮޅުންފިލުވަންވެގެން ސައްތާރުގެ ކޮޓަރިއަށްވެސް ދިޔައިން. އެކަމަކު އޭނާއެއް ނެތް. ގުޅާ ގުޅާ ފޯނުވެސް ނުނެގި. ދެންމެ މެސެޖްކޮށްފަ އޮތީ މީގެ ފަހުން އޮފީހަށް ނާންނާށޯ. އަހަރެން ކީއްވެތޯ އެހީމަ ޖަވާބެއް ނުދިން." ދުރަށް ނަޒަރު ހުއްޓާލައިގެން އިނދެ މާނިއު ކިޔައިދިނެވެ. އޭނާގެ މޫނުގައިވަނީ މާޔޫސްކަމެވެ.

އެކަމާ މާނިއު ދެރަވާނެވަރު އިނާޝާއަށް އަންދާޒާކޮށްލެވެއެވެ. އެ ވަޒީފާއަކީ ކިޔަވާ ނިމުމަށްފަހު މާނިއު އެންމެ ފުރަތަމަ އަދާކުރަން ފެށި ވަޒީފާއެވެ. ސާއްތާރު ލޯ ފާރމް ހުޅުވައިގެން އެންމެ ފުރަތަމަ ވަޒީފާއަށް ނެގި މީހުންގެ ތެރޭގައި މާނިއު ހިމެނެއެވެ. އެތަން ތަނަކަށް ހެދުމުގައި އޭނާ ރެއާ ދުވާލު ވަރަށް ބުރަކޮށް މަސައްކަތްކުރިއެވެ. އެ މަންޒަރު އިނާޝާއަށްވަނީ ވަރަށް ކައިރިން ފެނިފައެވެ. އަދި އެކަން ސައްތާރުއަށްވެސް އޮޅިފައެއް ނޯންނާނެއެވެ. އެހެންކަމުން އެގޮތަށް އެއްވެސް ސަބަބެއް ނެތި ކުއްލިއަކަށް މާނިއު ވަޒީފާއިން ވަކިކުރުމަކީ ޤަބޫލުކުރަން ދަތި ކަމެކެވެ.

މިއުވާނާ ހަމައަށް އެ ޚަބަރު ދިއުމާއެކު އޭނާ އަވަހަށް ގެއަށް އަޔެވެ. މާނިއުގެ ކަންބޮޑުވުން ފެނި އޭނާވެސް ސައްތާރުއަށް ގުޅޭތޯ މަސައްކަތްކުރިއެވެ. އެކަމަކު ސައްތާރު ފޯނެއް ނުނެގިއެވެ. އެމީހުންނަށް ހިތްހަމަޖެހުމެއް ލިބޭނީ އެންމެ ކުޑަމިނުން ވަޒީފާއިން ވަކިކުރި ސަބަބެއް އެނގިގެންނެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ