ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އެކްލަބުގައި މަޑު ކުރަން ބޭނުންވާކަން ހާމަކޮށްފިއެވެ.
މިފަހަކަށް އައިސް ޔޫރަޕްގެ ގަދަ ކްލަބެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޕީއެސްޖީއަށް މަދުވަނީ ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ޕީއެސްޖީއިން ޓީމު ވަރުގަދަކޮށް ގިނަ ޚަރަދުތަކެއް ކޮށްފައިވާއިރު ނޭމާއަކީ އެޕްރޮޖެކްޓްގެ ތެރެއިން ޕީއެސްޖީއަށް ގެނެސްފައިވާ ކުޅުންތެރިއެކެވެ.
ނިމުނު ސީޒަންގައި ޕީއެސްޖީން ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރިނަމަވެސް، ޖަރުމަނުގެ ބަޔާން މިއުނިކް އަތްދަށުވެ ޕީއެސްޖީއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނީއެވެ. ޕޯޗުގަލްގެ ލިސްބަންގައި ކުޅުނު ފައިނަލް މެޗު ބަޔާންއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުން ޕީއެސްޖީގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އަދި މިއީ މިމުބާރާތުގެ ފައިނަލަށް ޕީއެސްޖީ ދަތުރުކުރި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.
ޕީއެސްޖީގެ އޮފިޝިއަލް ނޫސް މަޖައްލާއަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން ނޭމާ ބުނީ، ގިނަ ކާމިޔާބީތަކެއް ހޯދައި ޕީއެސްޖީގެ ތާރީޚުގައި އޭނާގެ ނަން ލިޔެވެން އޭނާ ބޭނުންކަމަށާއި، އަމިއްލަ ކާމިޔާބީއަށްވުރެ ބޮޑަށް ކްލަބަށް ކާމިޔާބީ ހޯދައިދޭން ބޭނުންވާކަމަށެވެ.
"އަހަރެންގެ މިހާރުއޮތް ހަމައެކަނި މަޤްސަދަކީ ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ތަށި އުފުލާލުން." ނޭމާ ބުންޏެވެ.
މީގެއިތުރުން ނޭމާ ބުނީ، ޕީއެސްޖީއާއި ގުޅުނު ފަހުން އަނިޔާވެ، ހިތްދަތި ދުވަސްތަކެއް އޭނާއަށް ކުރިމަތިވިކަމަށާއި، ނަމަވެސް ހިތްވަރުދޫނުކޮށް ދަނޑަށް ނުކުމެ މޮޅު ކުޅުމެއްދެއްކޭތޯ މަސައްކަތްކޮށްފައިވާނެކަމަށެވެ.
އަދި ކާމިޔާބީއަކީ އެއް ދުވަހަކުން ލިބޭނެ އެއްޗެއްނޫންކަމަށާއި، ވޭތުވެދިޔަ ސީޒަންތަކުގައި ލިބުނު ނާކާމިޔާބީތަކާއެކު ޓީމު އިތުރަށް ވަރުގަދަވެފައިވާކަމަށްވެސް ނޭމާ ބުންޏެވެ.
ނޭމާ ޕީއެސްޖީގައި މަޑުކުރަން ބޭނުންވާކަން ހާމަކޮށްފައިމިވަނީ އޭނާ ގެންދިއުމަށް ކުރީގެ ކްލަބު ބާސެލޯނާއިން މަސައްކަތްކުރަމުންދާކަމުގެ އަޑުތައް ފެތުރިފައިވާ ދުވަސްވަރެއްގައެވެ. ބާސެލޯނާގެ ތަަރި ލިއޮނަލް މެސީ ކްލަބު ދޫކޮށްލަން ބޭނުންވާކަން ހާމަކުރުމާއެކު، މެސީ ހިފެހެއްޓުމަށް ބާސެލޯނާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނޭމާ އަލުން ޓީމަށް ގެންނަން މަސައްކަތްކުރާކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.



