ވައްކަން ކުރުމުންދާ ކަމަށް ބުނެ ކ. ދިއްފުށީ ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ދެ ރޭ މަތިން އެރަށުގައި ހިންގި މާރާމާރީތަކާއި ހަމަނުޖެހުންތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 32 އަހަރުގެ މި ފިރިހެން މީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައެވެ.
ފެރީގައި ހުއްޓާ ފުލުހުން ހައްޔަރުކުރި އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އިތުބާރު ހިފޭ މަސްދަރަކުން މަޢުލޫމާތު ދެއްވި ގޮތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ވައްކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މީހެކެވެ. އެނގިފައިވާގޮތުގައި ހައްޔަރުކޮށްފައިވާ ހަލީމް އަކީ އެ ރަށު ރައްޔިތުން ފުރަތަމަ ރޭ ނުކުމެ ހިންގި ހަމަނުޖެހުމުގައި އަނިޔާވުމުން އިތުރު ފަރުވާއަށް މާލެ ގެނައި މީހެކެވެ.
އެރަށުގައި މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން ހަމަނުޖެހުންތައް ހިންގަމުން ދަނީ އެރަށު ފިހާރައަކުން ތިޖޫރިއެއް ވަގަށް ނެގި މައްސަލައެއްގައެވެ.
								
											


														
														
														
														
														
														