ހދ.ނޮޅިވަރަން މިސްކިތެއް - ފެށުން ފޮޓޯ: ވިސާމް

އިޢުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެއް، ދުޢާއަކީ މުއުމިނުންގެ ހަތިޔާރު!

ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިއުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށާއި، ދުޢާއަކީ މުއުމިނުންގެ ހަތިޔާރު އަދި އައްޑަނަ ކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ޚުޠުބާގައި ވިދާޅުވެފައިވަނީ، ދުޢާއަކީ މުއުމިނުންގެ ހަތިޔާރު އަދި އައްޑަނަ ކަމަށާއި، އެހެންކަމުން ހަތިޔާރުގެ ބޭނުންހިފައިގެން، ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދިގެން ހެޔޮ ދުޢާ ކުރަންޖެހޭ ކަމަށެވެ.

"ހަތިޔާރުގެ ބޭނުން ހިފައިގެން ތިމާގެ އަމިއްލަ ނަފްސަށާއި ޢާއިލާއަށްޓަކައި ހެޔޮ ދުޢާ ކުރާށެވެ! ދުނިޔެއާއި އާޚިރަތުގެ ހުރިހާ ހެވަކަށް އެދިއެވެ. ﷲ އަށް ކިޔަމަންވެ ހެޔޮޢަމަލުކުރުންމަތީ ލެހެއްޓެވުމަށް އެދިއެވެ. ހެޔޮ ނިމުމެއް ދެއްވައި ސުވަރުގޭގެ އެންމެ މަތީ ދަރަޖަ އެދިއެވެ. އެންމެހާ މުންކަރާތްކަކާއި ފާޙިޝް ކަންތައްތަކަކުން ރައްކާތެރި ކުރެއްވުން އެދިއެވެ. ޣީބައާއި ދޮގާއި މަކަރުން ސަލާމަތް ކުރެއްވުން އެދިއެވެ. ރިބާ އާއި ރިޝަވަތުގެ ނުބައިކަމުން ދުރުކޮށްދެއްވުން އެދިއެވެ. އަދި ހަމަ އެހެންމެ ދިވެހި އުއްމަތުގރ އެއްބައިވަންތަކަމާއި އަމާންކަމާއި ތިޔާގިކަމަށް އެދި ދުޢާ ކުރާށެވެ! އަދި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި މުއުމިނުންނަށްޓަކައި ހެޔޮ ދުޢާ ކުރާށެވެ! ކާފިރުންގެ އަނިޔާވެރިކަމުން މުސްލިމް ނިކަމެތި ކުޑަކުދިންނާއި ބޮޑެތި މީހުން ރައްކާތެރިކުރައްވައި އެބައިމީހުންނަށް އަމާންކަން ދެއްވާތޯއެވެ!" ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ޚުޠުބާގައި ވިދާޅުވެފައިވަނީ، ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިޢުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށާއި، އެކަމުގެ މާތްކަމާއި މަތިވެރިކަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢަމަލީގޮތުން ދައްކަވާފައިވާ ކަމަށެވެ.

"ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔެ ދޫކުރެއްވުމާ ހަމައަށް ރަމަޟާން މަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިންނެވިއެވެ." އުއްމުލްމުއުމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވާކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

އިތުރަށް ޚުޠުބާގައި ވިދާޅުވެފައިވަނީ، އިޢުތިކާފަށް އިންނަމީހާ، ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުހެލިވެ، ﷲ އަށް އަޅުކަން ކުރުމާއި، ޛިކުރު ކުރުމުގައި ވަގުތު ހޭދަކުރަންވާނެ ކަމަށާއި، މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި މިސްކިތުގެ ސާފުޠާހިރުކަމަށާއި، މިސްކިތުގެ ޙުރުމަތަށް ބަލަންވާނެ ކަމަށެވެ.

"ޢިއުތިކާފުގައި ތިބޭ މީހުންނަށް އެކަމުގެ ފުރުޞަތު ފަހިކޮށްދީ، ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެން ދިއުމަކީވެސް މުހިންމު ކަމެއް." ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ