ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް އެލާރޓް ނެރެފި

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާރޓް ނެރެފިއެވެ.

މެޓް އޮފީހުން މިރޭގެ08:30 ން މިރޭގެ ދަންވަރު02:30 އަށް ނެރެފައިވާ ވައިޓް އެލާރޓްގައި ބުނެފައިވަނީ އެލާރޓް ނެރެފައިވާ ގަޑިތަކުގައި މުޅި ރާއްޖެއަށް ބޯކޮށްވާރޭވެހުން އެކަށީގެންވާކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ.

މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މިއެލާރޓްގައި ބުނެފައިވެއެވެ.

ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. 

"ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ބުންޏެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާއްޖޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިނުގައި 3 - 6 ފޫޓު އުޅޭނެކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މީގެއިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށާއި، ބޯކޮށް ވާރޭވެހި، ވިލާގަނޑުތެރޭގައި ވައި ގަދަވެ ކަނޑުތައް ގަދަ ވާނެކަމަށް ލަފާކުރެވޭތީވެ، އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ