ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ރަޝިޔާ އިން ޕޮސިޓިވްވި މީހުންގެ އަދަދު މިލިއަނަކަށް އަރައިފިއެވެ.
ކޮވިޑް-19ގެ މައުލޫމާތު ގެނެސްދޭ ވޯލްޑްމީޓާ ވެބްސައިޓުގައިވާގޮތުން، ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 އަށް ރަޝިޔާ އިން މިހާތަނަށް 1,000,048 މީހުން ވަނީ ޕޮޒިޓިވުވެފައި އެވެ. އަދި އެގައުމުގައި މިބަލީގައި 17,299 މީހަކު ނިޔާވެފައި ވާއިރު، މިބަލީގައި 815,705 މީހަކުވަނީ ފަރުވާދެވި ރަނގަޅުވެފައެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ރަޝިޔާއިން އިތުރު 4,729 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އެޤައުމަކީ ދުނިޔޭގައި ހަތަރު ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުވެސް މެއެވެ.
މުޅި ދުނިޔެއިން 25 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 18,016,113 މީހުން މިހާރުވަނީ މިބަލިން ރަނގަޅު ވެފައެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 6,851,108 މީހުންނެވެ. ފަރުވާ ހޯދާ މީހުންގެ ތެރެއިން 6,789,968 މީހުންގެ ހާލަތު ރަނގަޅުއިރު ހާލަތު ގޯސްވެގެން 61,140 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
މިހާތަނަށް ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮސިޓިވްވެފައި ވަނީ އެމެރިކާގައެވެ. މިގޮތުން އެމެރިކާއިން މިބައްޔަށް 6,219,277 މީހުން ޕޮޒިޓިވުވެފައިވާއިރު މިބަލީގައި 187,927 މީހުންވަނީ މަރުވެފައެވެ.