މިނިވަންކަމަށް ގެއްލުންވާ ހުރިހާ އެގްރިމެންޓެއް ބާތިލް ކުރާނެ ކަމަށް ޕީއެންސީގެ ނައިބުރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަގު ވަގަށް ތިބެ ގައުމު ވިއްކާލުމުގެ އެއްބަސްވުންތައް ހަދަމުން ގެންދާނެ ކަމެއް ނެތް ކަމަށާއި މިނިވަންކަމާ އިސްތިގްލާލް އަށް ގެއްލުންވާ ހުރިހާ އެގްރިމެންޓް އެއް ކޮންމެ ގައުމަކާ އެކު ހެދިޔަސް ބާތިލް ކުރާނެ ކަމަށެވެ.
މި ސަރުކާރުން އެންމެ ގާތް ކަމެއް ގެންގުޅޭ އެއް ގައުމަކީ އަވައްޓެރި އިންޑިއާ އެވެ. އެގޮތުން އިންޑިއާ އިން އަންނަނީ ދިވެހި ރާއްޖެ އަށް އެކި ގޮތް ގޮތުން އެހީތެރި ވަމުންނެވެ.
އެގޮތުން، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސެންޓަރު ތަރައްގީކުރުމަށް ކުރިއަށް ގެންދިޔަ ދެވަނަ ފިޔަވަހީގެ ދަށުން 8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކުރިއަށް ގެންގޮސް މި ފިޔަވަހީގެ ދަށުން، ވާނީގައި ރިވަރސް އޮސްމޯސިސް ޕްލާންޓަކާއި ރެޕަލިންގ ޓަވަރަކާއި ސްވިމިންގ ޕްލެޓް ފޯމަކާއި ޖިމެއް ގާއިމު ކޮށްފައިއެވެ.
މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ބްރިޖް މަޝްރޫއަށް އިންޑިއާއިން 500 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ހަމަޖެހިފައި ވެއެވެ. ބްރިޖްގެ މަޝްރޫޢަށް އިންޑިއާ ސަރުކާރުން ދެއްވާ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ސިޓީ ކައުންސިލުން ދެމެދުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ބައެއް ވެހިކަލްތަކާ މެޝިނަރީ އިންޑިއާ ސަރުކާރުން ފޯރުކޮށްދީފައި ވެއެވެ. އަދި މިއީ 8 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދީފައިވާ ތަކެއްޗެވެ.




