ރާއްޖޭގެ ހުރިހާ ރަށެއްގައ ކޯލިޝަން ހިންގާ ކޮމެޓީތަކެއް އިންތިހާބުކުރަން ނިއްމާފައިވާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުންގެ އިލެކްޝަން ޑިޕާޓްމެންޓްގެ ފަރާތުން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ބުނެފައިވަނީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ކޯލިޝަން ހިންގާ ކޮމެޓީތަކެއް ނުވަތަ ސްޓީރިން ކޮމެޓީތަކެއް، އިންތިހާބުކުރާނެ ކަމަށެވެ. އެގޮތުން އަންނަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު މި ކޮމެޓީތައް ހޮވުމުގެ އިންތިހާބު ބާއްވަން ނިއްމާފައިވާކަަމަށް ބުނެފައިވެއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ކޮންމެ ރަށު ކޮމެޓީތަކުގެ އިންތިހާބަކީ ޕްރޮގްރެސިވް ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް ކުރިއަށްދާއިރު، ކޯލިޝަންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމާއި، މިހާރު ކޯލިޝަންގެ މަސައްކަތްތައް ތަފާތު އެކި ޑިޕާޓްމެންޓްތަކަށް ބަހާލައިގެން މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރައްވާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ އިންތިހާބެއްކަމަށެވެ.
ޕްރޮގްރެސިވް ކޯލިޝަނުންގެ އިލެކްޝަން ކޮމިޓީގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު މި ކޮންފަރެންސްގައި އިތުރަށް ވިދާޅުވީ، މި އިންތިހާބަކީ، ގައުމު މިހާރު އޮތް ހާލަތުގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުމަށް އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ޕީޕީއެމް/ޕީއެންސީއިން ކުރަން ނިއްމަވާފައިވާ ކަމެއްކަމަށެވެ.
މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މި އިންތިހާބު ބާއްވާއިރު، މާލޭގައިވެސް މި އިންތިހާބު ކުރިއަށް ދާނެކަމަށެވެ.
އިންތިހާބުކުރެވޭ މި ހިންގާ ކޮމެޓީތަކުގައި އެ ރަށެއްގެ އާބާދީއަށް ބަލާ، 5 މެންބަރުންގެ، ނުވަތަ 7 މެންބަރުންގެ ނުވަތަ 9 މެންބަރުންގެ ނުވަތަ 11 މެންބަރުންގެ ކޮމެޓީތަކެއްކަމަށް މި ނިއުސްކޮންފަރެންސްގައި މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން މި ކޮމެޓީތައް ހޮވުމަށްފަހު، ކޮމެޓީގެ ތެރެއިން ރައީސްއަކު ހޮވުމަށް އިންތިހާބެއް ބޭއްވޭނެކަމަށާއި އަދި ކޮންމެ ކޮމެޓީއަކުންވެސް ޒުވާނުންގެ ސްލޮޓަކާއި އަންހެނުންގެ ސްލޮޓެއް ހާއްސަކުރެވިފައިވާކަމަށް މި ނޫސްކޮންފަރެންސްގައި ބުނެފައިވެއެ.




