ފޮޓޯ: އެމްޑަބްލިޔުއެސްސީ

ހިޔާ މަޝްރޫޢުގެ ދަށުން އެމްޑަބްލިޔުއެސްސީ އިން ގާއިމްކުރާ 15 ބުރީގެ އިމާރާތުގެ 60 އިންސައްތަ ނިމިއްޖެ

ހިޔާ މަޝްރޫއުގެ ދަށުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ގާއިމްކުރާ 15 ބުރީގެ އިމާރާތުގެ 60 އިންސައްތަ ނިމިއްޖެއެވެ.

އެމްޑަބްލިޔުއެސްސީ އިން ވިދާޅުވީ ހިޔާ މަޝްރޫޢުގެ ދަށުން ޤާއިމްކުރާ 15 ބުރީގެ ޢިމާރާތް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށާއި މި މަޝްރޫއުގެ ދަށުން ގާއިމްކުރާ އިމާރާތުގެ 60 އިންސައްތަ މަސަތްކަތް މިހާރު ވަނީ ނިމިފައި ކަމަށާއި އަދި މި ޢިމާރާތުގައި ޖުމްލަ 192 އެޕާޓްމަންޓް ހިމެނޭ ކަމަށެވެ.

އެގޮތުން  1 ކޮޓަރީގެ 92 އެޕާރޓްމަންޓްގައި 381.55 އާއި 405.18 އަކަފޫޓު ބޮޑުމިނުގައި ހުންނާނެ ކަމަށާއި 2 ކޮޓަރީގެ 40 އެޕާރޓްމަންޓްގައި 629.63 އާއި 701.28 އަކަފޫޓު ބޮޑުމިނުގައި ހުންނާނެ ކަމަށާއި އަދި 3 ކޮޓަރީގެ 60 އެޕާޓްމަންޓްގައި 720.08 އާއި 734.00 އަކަފޫޓު ބޮޑުމިނުގައި ހުންނާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީ އިތުރަށް ވިދާޅުވީ، މި އިމާރާތުގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ރޭނުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން 6 ވަނަ ފަންގިފިލާ އިން ފެށިގެން 9 ވަނަ ފަންގިފިލާ އާއި އަދި 11 ވަނަ ފަންގިފިލާ އިން ފެށިގެން 14 ވަނަ ފަންގިފިލާ އާ ހަމައަށް ވަނީ ރޭނުމުގެ މަސައްކަތް ނިމިފައި ކަމަށެވެ.

މި އިމާރާތުގެ މަސައްކަތް 26 ޖޫން 2021 ނިންމުމަށް ވަނީ ކަނޑައެޅިފައި ކަމަށާއި މި މަޝްރޫއުގެ ދަށުން އެޅޭ އެޕާޓްމެންޓް ތަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން 72 މުވައްޒަފަކު ވަނީ ހޮވިފައި ކަމަށް އެމްޑަބްލިޔުއެސްސީ އިން ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ ސަބަބުން މުވައްޒަފުންނަށް ބޯހިޔާވަހިކަން ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ