އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް- ފޮޓޯ:މުހައްމަދު ޝަރުހާން

ރައީސް ނަޝީދުވެސް މާސްކު ނާޅާ ސިޔާސީ ހަރަކާތެއް ހިންގާނަމަ ފިޔަވަޅު އަޅާނަން: އަކްރަމް

ރައީސް މުޙައްމަދު ނަޝީދުވެސް މާސްކު ނާޅާ ސިޔާސީ ހަރަކާތެއް ހިންގާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

މިރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނު އޮޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އިލެކްޝަން ކޮމިޝަންގެ ވާޖިބަކީ ސިޔާސީ ޕާޓީ ތަކުގެ ޤާނޫނާއި ޚިލާފުވީމައި ފިޔަވަޅު އަޅަން ކަމަށެވެ.

އިލެކްޝަން ކޮމިޝަންއަކީ ގައުމުގެ ހުރިހާ މަސަލަސްކަމެއް ބަލާ ބައެއް ނޫން ކަމަށާއި ސިޔާސީ ޕާޓީތަކުން ބަލާނީ ސިޔާސީ ކަންކަން ކަމަށް އަކްރަމް ވިދާޅުވިއެވެ.

"އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ސިޔާސީ ހަރަކާތެއްގައި، މާސްކު ނާޅުއްވާ، ސިޔާސީ ހަރަކާތެއް ހިންގެވިނަމަ، އަޅުގަނޑުމެން ފިޔަވަޅު އެޅީމުސް" އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނުގެ މަޤާމުވެސް އަދާ ކުރައްވަމުން ގެންދަވާ އަކްރަމް ވިދާޅުވިއެވެ.

ވަކި ބޭފުޅަކު ސިޔާސީ ހަރަކާތެއް ހިންގަވައިގެން ތަފާތު ނުކުރައްވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. "އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ތިވިދާޅުވި ދެރަދުންގެ ފޮތް ނެރުމުގެ ހަފްލާއަކީ ސިޔާސީ ހަރަކާތެއް ނޫން" އަކްރަމް ވިދާޅުވިއެވެ. އިލެކްޝަން ކޮމިޝަނުން އެކަމުގައި ފިޔަވަޅު އަޅާފައި ނުވަނީ އެއީ ސިޔާސީ ހަރަކާތަކަށް ނުވާތީ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ދެ ރަދުން" މި ފޮތަކީ ރައީސް މުޙައްމަދު ނަޝީދު ލިޔުއްވައިފައިވާ ފޮތެކެވެ. މިފޮތް ނެރުމުގެ ހަފްލާއެއްގައި ރައީސް ނަޝީދު އާއި ސިޔާސީ ބައެއް ފަރާތްތަކުން މާސްކު ނާޅާ ހުންނެވުމުން ފާޑުކިޔުންތައް އަމާޒުވެފައިވަނީ އިދިކޮޅު ކޯޅިޝަނުން ބޭއްވި މުޒާހަރާގައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވެގެން، އިލެކްޝަން ކޮމިޝަނުން އިދިކޮޅު ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އެޅުމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ