ރާއްޖޭގެ މޫސުން މިރޭވެސް ރަނގަޅު ނޫންކަމަށްބުނެ މެޓް އޮފީހުން ބޮޑު ސަރަޙައްދަކަށް ވައިޓް އެލާރޓް ނެރެފިއެވެ.
މެޓް އޮފީހުން މިރޭގެ19:00 އިން މިރޭގެ ދަންވަރު 01:00 އަށް ނެރެފައިވާ މިވައިޓް އެލާރޓްގައި ބުނެފައިވަނީ މިވަގުތުގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ގަޑިއަކު19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހުން އެކަށީގެންވާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު45 މޭލަން ވައިގަދަވުން އެކަށީގެންވާކަމަށެވެ.
މެޓް އޮފީހުން އެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ތ. އަތޮޅަށެވެ.
އަދި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
Alert White for strong winds of 19-24 mph and gusts of 45 mph with rough seas. pic.twitter.com/OSak6Q5cMT
— Maldives Meteorology (@MetMaldives) September 4, 2020
މިއަދުގެ ހެނދުނު 08:00 މާދަމާގެ ހެނދުނު 08:00 މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށެވެ.
"ހުޅަނގުދެކުނާއި ހުޅަނގުން މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ބުންޏެވެ.
މީގެއިތުރުން އެއޮފީހުން ބުނެފައިވަނީ މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަ ވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާއިރު، ރާއްޖޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 6 ފޫޓުގެ ދެމެދުގައި ކަމަށެވެ.
އަދި ދިޔަވަރު ބޮޑު ގަޑިތަކުގައި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށާއި، ބޯކޮށް ވާރޭވެހި، ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.



