އިއްޔެ މެންދުރު 13:00 ގައި ޗެނަލް 13 އިން ބްރޯޑްކާސްޓު ކުރި ރައްޔިތުންގެއަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާއި ގުޅިގެން ޗެނަލް 13 އިން މަޢާފަށް އެދިއްޖެއެވެ.
މިކަމާއި ގުޅިގެން އެޗެނަލްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިއްޔެ މެންދުރު 13:00 ގައި ޗެނަލް 13 އިން ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑުޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާންޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއްކަމަށެވެ.
އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން ޗެނަލް 13 އިންވަނީ މައާފަށް އެދިފައެވެ.
އަދި އެމީހާ އެހެން ބުނުމާއެކު ޗެނަލް13 އިން ވާނީ ވަގުތުން އެ ފޯނު ކޯލު މެދުކަނޑާލާފައިކަމަށާއި، ޗެނަލް13 އަކީ އަނިޔާވެރިކަމާއި، އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫންކަމަށްވެސް އެޗެނަލްގެ ބަޔާނުގައިވެއެވެ.
މީގެއިތުރުން މިބަޔާނުގައިވަނީ ކުރިޔަށް އޮތް ތަނުގައިވެސް އެފަދަ ކަންކަމަށް ހިތްވަރު ދީ، ގާނޫނާއި ހިލާފް ކަންކަން ކުރުމަށް މިސްޓޭޝަނުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް ބެލުންތެރިންގެ ސަމާލު ކަމަށްޓަކައި ދަންނަވާކަމަށާއި، މިސްޓޭޝަނަށް ކުރާ އިތުބާރާއި ދެއްވާ އެއްބާރުލުމަށްޓަކައި މިފުރުސަތުގައި ބެލުންތެރިންނަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.
Statement! pic.twitter.com/mi8ozxP1bm
— Channel13 (@Ch13official) September 4, 2020
މިމައްސަލާގައި ބެލުންތެރިންގެ ކިބައިން މަޢާފަށް އެދި ޗެނަލް13 އިން ބަޔާން ނެރެފައިވާއިރު، ބެލުންތެރިޔާ އެހެން ބުނާ އަޑު ބްރޮޑްކާސްޓްކޮށްފައިވާތީ އެޗެނަލްއާމެދު ފިޔަވަޅު އެޅުމަށް މީސްމީޑިއާގައި ގިނަ ބަޔަކުދަނީ ގޮވާލަމުންނެވެ. އަދި ޗެނަލް 13 ގެ އިތުރުން އެ ގޮތަށް ގޮވާލި މީހާއާމެދުވެސް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.




