ޗެނަލް 13 ގެ ޕްރޮގްރާމުތަކުގެ ބަސްމަގު އަޚްލާޤީ މިންގަނޑަށް ފެއްތުމަށް އަންގައިފިއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވީ، ޗެނަލް 13 ގެ ބައެއް ޕްރޮގްރާމްތަކުގައި ޢާންމު އިޖްތިމާޢީ މިންގަނޑަށް ނުފެތޭ ބަސްމަގު ބޭނުންކުރާކަން ފާހަގަކުރެވޭކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އެ ސްޓޭޝަނާ ބައްދަލުކޮށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ޤަވާއިދާ އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް އެ ސްޓޭޝަނަށް ނަސޭޙަތްތެރިވެފައިވާނެކަމަށްވެސް އެކޮމިޝަނުންވަނީ ވިދާޅުވެފައެވެ.
ޗެނަލް 13 ގެ ބައެއް ޕްރޮގްރާމްތަކުގައި ޢާންމު އިޖްތިމާޢީ މިންގަނޑަށް ނުފެތޭ ބަސްމަގު ބޭނުންކުރާކަން ފާހަގަކުރެވޭތީ، އެކަމާ ގުޅޭގޮތުން އެ ސްޓޭޝަނާ ބައްދަލުކޮށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ގަވާއިދާ އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް އެ ސްޓޭޝަނަށް ނަސޭޙަތްތެރިވެއްޖެ. pic.twitter.com/1JWo5VkF14
— MVbroadcom (@broadcomMV) July 9, 2020
ޗެނަލް 13ގެ ޕްރޮގްރާމްތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑަށް ނުފެތޭކަމަށްބުނެ މީގެ ކުރިންވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުންވަނީ އެޗެނެލްއަށް ނަޞޭޙަތްތެރިވެފައެވެ. އެގޮތުން އެފަހަރު އެކޮމިޝަނުން ފޮނުވި ސިޓީގައި ވިދާޅުވީ، ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ހުށަހަޅާ ޕްރެޒެންޓަރުން، އަދި ޚާއްސަކޮށް ޗެނަލް 13އިން ގެނެސްދޭ “ހަޖަމު” ޕްރޮގުރާމުގައި މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުން ދާކަމަށް ފާހަގަކުރެވޭކަމަށެވެ.
އަދި މިންގަނޑާ ޚިލާފަށް ޕްރޮގްރާމުތައް ބްރޯޑްކާސްޓްކުރަމުންދާ ކަމަށް ވާނަމަ، އެކޮމިޝަނުން މައްސަލަ ބެލުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެކަމަށްވެސް އެފަހަރު ޗެނަލް 13 އަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ޗެނަލް 13 ގެ ޕްރޮގްރާމުތަކުގެ ބަސްމަގު އަޚްލާޤީ މިންގަނޑަށް ފެއްތުމަށް އަންގައިފި



