ސިލްސިލާކޮށް ހަމަނުޖެހުން ހިންގަމުންދިޔަ ކ.ދިއްފުށީގެ ސަލާމަތީ ކަންކަން ބަލަހައްޓަން ސްޕެޝަލް އޮޕެރޭޝަންސް ޕޮލިސް (އެސްއޯ ފުލުހުން) ނިކުމެއްޖެއެވެ.
މިރޭ ދިއްފުށީގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ދަނީ އެސްއޯ ފުލުހުންކަން، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ދިއްފުށީގައި އެސްއޯ ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓަން ފަށާފައި މިވަނީ، ރެއާއި ކުރީރޭވެސް ވަގުންނާއި، އެރަށުގެ އާއްމު ރައްޔިތުންނާ ކުރިމަތިލުންތަކެއް ހިނގާފައިވަނިކޮށެވެ.
K.Dhiffusheegai mirey fuluhun harakaaiytheri vamun dhany pic.twitter.com/eaREp6soL5
— Maldives Police (@PoliceMv) May 24, 2019
ސަލާމަތީ ބާރުތަކުން ދިއްފުށީގައި ހަރަކާތްތެރިވާކަން ދާދި ދެންމެ ހާމަކުރެއްވިއިރު، އެސްއޯ ފުލުހުން ގެންދަނީ ވެހިކަލްތައްވެސް ބަލާ ފާސްކުރަމުންނެވެ.
ދިއްފުށީގައި ހަމަނުޖެހުންތަކެއް ހިނގަން ފަށާފައިވަނީ އެރަށުގައި ވައްކަން އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް އެކަން ހުއްޓުވުމަށް ފުލުހުން ނުކުޅެދިފައިވާކަމަށްބުނެ، ރައްޔިތުން ނިކުމެ ވަގުންނާ ކުރިމަތިލާން ފެށުމުންނެވެ.
ރޭގައި ހިނގި ކުރިމަތިލުންތަކުގައި އެކަކަށް އަނިޔާވިއިރު، ކުރީ ރޭ ހިނގި ހަމަނުޖެހުންތަކުގައި ފަސް މީހަކު ޒަހަމްވެފައިވެއެވެ.
ދިއްފުށީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން އެކަކު ހައްޔަރުކޮށްފައިވާއިރު، އެއީ "ވަގެއް" ކަމަށް ދިއްފުށީގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.




