ރާއްޖޭގެ އެންމެ މަތީ ވެރިކަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދާއި ހަވާލުކުރުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމުގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
އަލްހާން ފަހުމީ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް ނަމެއްގައި މިރާއްޖޭގެ އެންމެ މަތީ ވެރިކަން ކެނެރީގެ އަންނި އާ ހަވާލުކުރުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށެވެ.
"ރައީސެކޭ ބޮޑުވަޒީރެކޭ ރަންނަބަނޑޭރިއެކޭ ކިޔާނެ ކަމެއް ނެތް!" އަލްހާން ފަހުމީ ވިދާޅުވިއެވެ.
މަޖްލިސް މެޖޯރިޓީ ބޭނުންކޮށްގެން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރިޔަސް މުހައްމަދު ނަޝީދު އަކަށް ބޮޑުވަޒީރުކަމެއް ނުލިބޭނެ ކަމަށާއި އަދި އެކަމަށް ތާއީދެއް ވެސް ނެތް ކަމަށް ވެސް މީގެ ކުރިން އަލްހާން ވަނީ ވިދާޅުވެފައެވެ.
އަލްހާން ފަހުމީ މިހެން ވިދާޅުވެފައި ވަނީ ގައުމެެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށް ދެކެވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
އަބަދުވެސް ތާއީދުކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށާއި އެ ނިޒާމަކީ ވެރިކަން ހިނގުމަށް އެންމެ ސައްހަ ރަނގަޅު ނިޒާމުކަމަށް ދެކޭކަމަށް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަައެވެ.
ރާއްޖޭގެ އެންމެ މަތީ ވެރިކަން ނަޝީދާއި ހަވާލުކުރުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން: އަލްހާން




