ފުރަތަމަ މެޗުން އިންގްލޭންޑް އަދި ފްރާންސަށް އުނދަގޫ މޮޅެއް

ޔޫއެފާ ނޭޝަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން އިންގްލޭންޑް އަދި ފްރާންސް އުނދަގޫކަމާއެކު މޮޅު ވެއްޖެއެވެ.

އައިސްލޭންޑާއި ދެކޮޅަށް އިންގްލޭންޑް ކުޅުނު މެޗު އިންގްލޭންޑުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މުޅި މެޗުހެން އިންގްލޭންޑުން ކޮންޓްރޯލްކޮށްފައިވީނަމަވެސް، ލަނޑު މާ ނުރައްކާތެރި ހަމަލާތަކެއް އިންގްލޭންޑަށް އުފެއްދިފައެއް ނުވެއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީވެސް ލިބުނު ޕެނަލްޓީއަކުންނެވެ. އޭރިއާތެރެއިން އައިސްލޭންޑްގެ އިގަސަން ބޯޅައިގައި އަތްލުމުގެ ސަބަބުން ލިބުނު މިޕެނަލްޓީ މެޗުގެ ފަހު މިނަޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ.

މިއީ ސްޓާލިން އިންގްލޭންޑަށް ކާމިޔާބުކޮށްދިން 13 ވަނަ ލަނޑެވެ. އަދި އެންމެފަހުން އިންގްލޭންޑަށް އޭނާ ކުޅެދިން 12 މެޗުން 11 ލަނޑު ޖަހައި 6 އެސިސްޓް އޭނާވަނީ ހަދާފައެވެ.

ރޭގެ މެޗުގައި ދެ ރަތް ކާޑު ފެނިގެން ގޮސްފައިވާއިރު، ފުރަތަމަ ރަތްކާޑު ދެއްކީ އިންގްލޭންޑްގެ ކައިލް ވޯކާއަށެވެ. މެޗުގެ 70 ވަނަ މިނަޓްގައި ދެއްކި މިރަތްކާޑަކީ އައިސްލޭންޑްގެ ޓްރޯސްޓަސަންއަށް ކުރި ފައުލަކާއި ގުޅިގެން ދެއްކި ދެވަނަ ރީނޑޫ ކާޑާއެކު ދެއްކި ރަތްކާޑެކެވެ. އަދި މެޗުގެ 89 ވަނަ މިނަޓްގައި އައިސްލޭންޑްގެ އިންގަސަންއަށް ރަތްކާޑު ދައްކާފައިވަނީ ސްޓާލިން ފޮނުވާލި ހަމަލާއެއް ދިފާޢުކުރުމަށް އަތް ބޭނުންކޮށްފައިވާތީއެވެ.

ރޭގެ މެޗުން ސްވިޑެންގެ މައްޗަށް ފްރާންސުން ކުރި ހޯދީވެސް 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް ބަލާ ހިތްވާކަހަލަ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ކީލިއަން އެމްބާޕޭއެވެ. މެޗުގެ 41 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ އެމްބާޕޭ ފްރާންސަށް ކާމިޔާބުކޮށްދިން 14 ވަނަ ލަނޑެވެ.

މީގެއިތުރުން ސްވިޑެންގެ ވިކްޓާ ލިންޑެލޯފް ފްރާންސްގެ މާޝިއާލްއަށް ކުރި ފައުލަކާއި ގުޅިގެން ފްރާންސަށްވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ލީޑު ފުޅާކުރުމަށް މެޗުގެ ފަހު ވަގުތު ކޮޅުގައި ލިބުނު މިފުރުޞަތު ދިޔައީ ބޭކާރަށެވެ. މިޕެނަލްޓީ ގްރިޒްމަން ފޮނުވާލާފައިވާއިރު، ބާރު ސްޕީޑުގައި ފޮނުވާލި މިބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ގޯލްގެ މަތިން ބޭރަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ