އިންޑިއާގެ ކެރެލާގައި 20 އަހަރުގެ ކުއްޖަކަަށް ކޮވިޑް-19 ޖެހިގެން، އެމްބިއުލެންސެއްގައި ހެލްތް ފެސިލިޓީއަކަށް ދަތުރު ކުރި މަގުމަތީގައި އެމްބިއުލެންސްގެ ޑްރައިވަރު އެ އަންހެންކުއްޖާ ރޭޕްކޮށްފިއެވެ.
އިންޑިއާގެ ފުލުހުން މައުލޫމާތު ދިންގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭގައެވެ. އަދި މި ހާދިސާ ހިނގާފައިވަނީ ކެރެލާގެ "ޕެތެނަމްތިޓާ" ނަމަކަށް ކިޔާ އަވަށެއްގައި ހުއްޓަ ކޮވިޑް-19 އަށް ފަރުވާ ދޭ ހޮސްޕިޓަލަކަށް ގެންދިޔަ މަގުމަތީގައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީޑިއާގައި ރިޕޯޓު ކޮށްފައިވާ މައުލޫމާތައް ބަލާއިރު، ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖަކީ، އޭނަގެ އާއިލާއާއެކު ގޭގައި ކަރަންޓީނުވެގެން ހުރި ކުއްޖެކެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، އެ އަންހެންކުއްޖާ ކަަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައިވަނީީ މެދުއުމުރުފުރައިގެ އިތުރު އަންހެން ޕޭޝަންޓަކާއެކުއެވެ. ދެ މީހުން ގެންދަން ހަމަޖެހިފައިވަނީ ދެ ހެލްތް ފެސިލިޓީއަކަށް ކަމުން، އެމްބިއުލެންސް ފުރަތަމަ ގޮސްފައިވަނީ، މެދުއުމުރުފުރައިގެ އަންހެން މީހާ ގެންދިއުމަށް ހަމަޖެހިފައިވާ ފެސިލިޓީއަށެވެ.
އަދި އެ އަންހެން މީހާ ބޭލުމަށްފަހު، 20 އަހަރުގެ އަންހެން ކުއްޖާ ގެންދިއުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި މީހުން ނޫޅޭ ފަޅު ހިސާބަކަށް ގެންގޮސް އެމްބިއުލެންސް ދުއްވަން ހުރި ޑްރައިވަރު އެ އަންހެންކުއްޖާ ރޭޕްކުރީ ކަމަށް ފުލުހުން މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.
އަންހެންކުއްޖާ ރޭޕްކުރުމަށްފަހު ޑްރައިވަރު އެ ކުއްޖާއަށް ބިރުދެއްކިކަމަށާއި، ނަމަވެސް ފަހުން ހޮސްޕިޓަލަށް ގެންދިއުމަށްފަހު އެޑްމިޓްކުރިއިރު، އެ ހާދިސާގެ ވާހަކަ ޑޮކްޓަރު ކައިރީ ބުނުމުން، ހެދި މެޑިކަލް ޓެސްޓުން އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ކަށަވަރުވެފައިވާކަމަށް މީޑީއާގައި ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން ބުނީ، މި ހާދިސާ ފުލުހުންނަށް ރިޕޯޓު ކުރުމުން މިހާރު އެމްބިއުލެންސްގެ ޑްރައިވަރު ހައްޔާރުކޮށްފައިވާކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރޭޕްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެމްބިއުލެންސް ޑްރައިވަރަކީ މީގެކުރިންވެސް ބައިވެރި ކުށްތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި މީހަކު މަރާލުމުގެ ތުހުމަތުގައިވެސް އޭނާ ހިމެނޭކަމަށް ފުލުހުން މައުލުމާތު ދީފައިވެއެވެ.



