މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) ގެ " ވޯޓަރ ސެކިއުރިޓީ ޕްލޭން" ގެ ދަށުން، މާލޭގައި ފެން ރައްކާ ކުރާ އިތުރު 2 ތާންގީ ބެހެއްޓުމުގެ މަޝްރޫޢެއް މިއަދު ފަށަފިއެވެ.
މިމަޝްރޫއު އަމަލީ ގޮތުން ފައްޓަވައި ދެއްވީ އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހު އާއި ކުންފުނީގެ މެނޭޖްމަންޓްގެ ބޭފުޅުންނެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވީ، މަޝްރޫޢުގެ މަޤްސަދަކީ މާލޭގައި އެމް.ޑަބްލިޔު.އެސް.ސީ އިން ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި، ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުންކަމަށެވެ.

މި ދެ ތާންގީ ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ކުރިން އެސްޓީއޯގެ ރެޑީ މިކްސް ކޮންކްރީޓް މަސައްކަތް ކުރަމުން އައި މާލޭގެ 378 ނަމްބަރު ކޮށީގައިކަމަށް އެމް.ޑަބްލިޔު.އެސް.ސީއިން މައުލޫމާތުދެއެވެ.
މިމަޝްރޫޢުގެ ދަށުން، 2 ތާނގީގެ އިތުރުން ފެން ފޯރުކޮށްދިނުމަށްޓަކައި ޕަމްޕް ރޫމްއެއްވެސް ޤާއިމްކުރެވިގެން ދާނެއެވެ. އަދިއަލަށް ބަހައްޓާ ދެ ތާންގީން ކުރެ ކޮންމެ ތާންގީ އަކުވެސް 13,648 ކިއުބިކް މީޓަރ ގެ ފެން ރައްކާކުރެވުމާއި އެކު މި ދެ ތާނގީގައި ޖުމްލަ 27,296 ކިޔުބިކް މީޓަރ ފެން ރައްކާކުރެވޭނެކަމަށް އެމް.ޑަބްލިޔު.އެސް.ސީއިން ވިދާޅުވިއެވެ. އަދި މިމަސައްކަތްތައް ނިމުމުން، އެމް.ޑަބްލިޔު.އެސް.ސީއިން މާލޭ ސިޓީގައި ފެން ރައްކާކުރެވޭ މިންވަރު ޖުމްލަ 50,296 ކިއުބިކް މީޓަރަށް އިތުރުވެގެންދާނެއެވެ.
ޖުމްލަ 82 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާ ކުރެވޭ މި މަޝްރޫޢުގެ މަސައްކަތްތައް ނިންމާލުމަށް ތާވަލުކޮށްފައިވަނީ 2 ޑިސެމްބަރ 2021 ވަނަ އަހަރުގެ ނިޔަލަށެވެ.
ގްރޭޓަރ މާލޭ ރީޖަން ވޯޓާރ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމް.ޑަބްލިޔު.އެސް.ސީ އިން ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ 2 ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވަނީ ގާއިމްކޮށްފައެވެ. އަދި މާލެ ހުލުމާޅެ ބުރިޖު މެދުވެރިކޮށް އެމް.ޑަބްލިޔު.އެސް.ސީ އަޅާފައިވާ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެއެވެ.




