އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް އަނިޔާވެރިވެގެން ދެމިއެއް ނޯވެވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
ސަރުކާރަކީ އޭގެ ޒާތުގާ ރައްޔިތުންގެ މައްޗަށް އަބަދުވެސް އަނިޔާވެރިވާނެ އެއްޗެއްކަން ގަބޫލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވުމާއިގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
އެމްޑީޕީގެ ކުރީގެ ރައީސްކަންވެސް ކުރައްވައިފައިވާ އިބްރާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރަކީ އޭގެ ޒާތުގައި ރައްޔިތުންގެ މައްޗަށް އަބަދުވެސް އަނިޔާވެރިވާނެ އެއްޗެއް ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެއީ ވަކި މީހެއް ވަކި މަގާމެއްގައި ހުރުމަކުން ބަދަލްވާނޭ ކަމެއް ނޫން ކަމަށެވެ.
މިކަމަށް ރައްދު ދެއްވަމުން އަލްހާން ފަހޔމީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރަކީ އޭގެ ޒާތުގައި ރައްޔިތުންގެ ބާރުން އުފެދޭ ރައްޔިތުންގެ ވެރިކަން ހިންގަން ހަވާލުކުރާ ރައްޔިތުންގެ މަންދޫބެއް ކަމަށެވެ. އަދި އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް އަނިޔާވެރިވެގެން ދެމިއެއް ނޯވެވޭނެ ކަމަށް ވިދާޅުވިއެވެ.
މި ދުވަސްވަރު އަންނަނީ ސަރުކާރާއިމެދު ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވަމުންނެވެ. މިގޮތުން ސަރުކާރަށް މިވަގުތު އަމާޒުވާ އެންމެ ބޮޑު ފާޑުކިޔުންތަކުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަން ހުއްޓުވާނެ ކަމަށް ވިދާޅުވެ އައިސް މިސަރުކާރުންވެސް ކޮރަޕްޝަނުގެ އަމަލުތައް ހިނގާކަމަށް ތުހުމަތު ކުރެވެއެވެ.




