އުލު ބައިންދާ ކަތުރުން ކޮށާ ކާޅަށް ދިނަސް ފަސް ނުޖެހޭނަން: އަދުރޭ

އުލު ބޭއްދިޔަސް އަދި ކަތުރުން ކޮށާ ކާޅަށް ދިނަސް ދީނާ ގައުމުގެ ޙައްގުގައި ކުރާ މަސައްކަތުގައި ފަސް ނުޖެހޭނެ ކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެހުރި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް މިހެން ވިދާޅުވެފައި މިވަނީ އެބޭފުޅާ ރެހެނދި ފްލެޓުގެ ދެ ފްލެޓު ގަތް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަލުން ބެލުމަށް ނިންމުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އަބްދުއްރަޙީމް ވިދާޅުވެފައި ވަނީ މި ސަރުކާރުން ކުރާ ވިޔާނުދާ ކަންތަކުގެ ވާހަކަ ދެއްކުން ހުއްޓާ ނުލާނެކަމަށެވެ.

އެގޮތުން ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ އަބްދުއްރަޙީމް ވިދާޅުވެފައި ވަނީ ބަލާނެ ވަރަކަށް މައްސަލަ ބަލަންވީކަމަށާއި އިތުރު މައްސަލަ އުފައްދައިގެންވެސް ބަލަންވީކަމަށެވެ. އުލު ބޭއްދިޔަސް، ކަތުރުން ކޮށާ ކާޅަށް ދިނަސް ދީނާ ގައުމުގެ ޙައްގުގައި ކުރާ މަސައްކަތުގައި ފަސް ޖެހުމެއް ނެތްކަމުގައި އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ރެހެނދި ފުލެޓުން ދެ ފުލެޓް އަބްދުއްރަޙީމް ގަނެފައިވަނީ 9 މިލިއަން ރުފިޔާއަށެވެ. މި ފައިސާ ދައްކާފައިވަނީވެސް އެއްފަހަރާއެވެ. މިހާ ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ދެއްކުމުން ގިނަ ބަޔަކު ވަނީ އަދުރޭއަށް ބޮޑެތި ތުހުމަތުތައް ކުރައްވާފައެވެ. އަދި ފައިސާ ހޯދިގޮތް ހާމަކުރުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ. ނަމަވެސް ފައިސާ ހޯދާފައިވާ ގޮތް އަބްދުއްރަޙީމް ހާމަކުރައްވާފައެއް ނުވެއެވެ.

މިފަދަ ތުހުމަތުތައް ކުރެވުނު އިރު އަދުރޭ އަކީ ރައީސް ޔަމީންގެ ސަރުކާރުގައި އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބެފުޅެކެވެ. މި މައްސަލައާއި ގުޅިގެން އާންމު ފަރާތަކުން އޭރު ވަނީ މިކަން އޭސީސީއަށް ހުށައަޅާފައެވެ. ނަމަވެސް އޭސީސީން ނިންމާފައި ވަނީ އަދުރޭ ފްލެޓް ގަތުމުގައި ކޮރަޕްޝަން ހިމެނިފައި ނުވާކަމަށެވެ.

މި މައްސަލަ އަލުން އޭސީސީން ބަލަން ނިންމާފައިވާއިރު، މި ކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ