ޕީއެންސީގެ ރައީސް އަބްދުއްރަހީމް

ޔާމީނު ކަރުބުރިކޮށްލައި، ވަހީދު މަރާލަން ބުނި މައްސަލަ ނުބަލަންޏާ އިންސާފުގެ ދަތުރުގެ ބޭނުމެއް ނެތް: އަދުރޭ

ކުރީގެ ރައީސް ޔާމީނު ކަރުބުރިކޮށްލައި، އަދި ވަހީދު މަރާލަން ބުނި މައްސަލަ ނުބަލަންޏާ އިންސާފުގެ ދަތުރުގެ ބޭނުމެއް ނެތްކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެހުރި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ބުނެފައި މިވަނީ އެބޭފުޅާ ރެހެނދި ފްލެޓުގެ ދެ ފްލެޓު ގަތް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަލުން ބެލުމަށް ނިންމުމާއި ގުޅިގެންނެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ރެހެނދި ފުލެޓުން ދެ ފުލެޓް އަބްދުއްރަޙީމް ގަނެފައިވަނީ 9 މިލިއަން ރުފިޔާއަށެވެ. މި ފައިސާ ދައްކާފައިވަނީވެސް އެއްފަހަރާއެވެ. މިހާ ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ދެއްކުމުން ގިނަ ބަޔަކު ވަނީ އަދުރޭއަށް ބޮޑެތި ތުހުމަތުތައް ކުރައްވާފައެވެ. އަދި ފައިސާ ހޯދިގޮތް ހާމަކުރުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ. ނަމަވެސް ފައިސާ ހޯދާފައިވާ ގޮތް އަބްދުއްރަޙީމް ހާމަކުރައްވާފައެއް ނުވެއެވެ.

އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ބުނީ، ރައީސް ޞާލިޙުގެ ގައިގައި އަލިފާން ރޯކޮށްލަން ބުނި މައްސަލަ ބަލަންވާނެކަމަށާއި، ހަމަ އެ އާއެކު ރައީސް ޔާމީނުގެ ކަރު ބުރި ކުރަން ބުނި މައްސަލައާ ރައީސް ވަޙީދު މަރާލަން ބުނި މައްސަލަވެސް ބަލަންވާނެކަމަށެވެ.

"ރައީސް ޔާމީނުގެ ކަރު ބުރި ކުރަން ބުނި މައްސަލައާ ރައީސް ވަޙީދު މަރާލަން ބުނި މައްސަލަވެސް ބަލަންވާނެ. އެހެން ނޫނީ އިންސާފުގެ ދަތުރުގެ ބޭނުމެއް ނެތެއް ނޫންތޯ؟" އަދުރޭގެ ޓްވީޓުގައި ބުނެފައިވެއެވެ.

އަދުރޭ މިހެންބުނެފައިވާއިރު، މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކަރު ބުރިކޮށްލަން ޖެހޭނެ ކަމަށް ބުނި އެމްޑީޕީގެ އެކްޓިވިސްޓަކު ހައްޔަރު ނުކުރާތީ ގިނަ ބަޔަކު ވަނީ އެކަމާއި ފާޑުވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި އަލިފާންޖެހުމަށް ގޮވާލާ، ޗެނަލް13ގެ ލައިވް ޕްރޮގްރާމެއްގައި ގެނެސްދިން ކޮންޓެންޓުގެ މައްސަލަ ފުލުހުން މިހާރު ވަނީ ބަލަން ފަށައިފައެވެ. އެގޮތުން މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 47 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ