ޤައުމީ ޓީމަށް 100 ލަނޑު ޖަހައިދިން ޔޫރަޕްގެ ފުރަތަމަ ކުޅުންތެރިއަކަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ސްވިޑަންއާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ރޮނާލްޑޯ ޕޯޗުގަލްއަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު ވަނީ 101 އަށް އަރާފައެވެ. ޕޯޗުގަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ސްވިޑަންގެ މައްޗަށް ޕޯޗުގަލްއިން ކުރި ހޯދާފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.
ޕޯޗުގަލްގެ ދެލަނޑުވެސް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވާއިރު، ސްވިޑަންގެ ހަމައެކަނި ލަނޑު ޖަހާދީފައިވަނީ ސްވެންސަންއެވެ. ރޮނާލްޑޯގެ ފުރަތަމަ ހިތްގައިމު ހިލޭ ޖެހުމަކުން ފެނިގެން ގޮސްފައިވާއިރު، ދެވަނަ ލަނޑަކީ އޭރިއާގެ ރޮނގު މަތިން ގޯލްގެ ތެރެއަށް ސްވިޑަންގެ ކީޕަރު އޮލްސެން އަތް ނުޖެހޭ ހިސާބުމަތިން ގޯލްގެތެރެއަށް އޮޅާލި ވަރަށް ފުރިހަމަ ލަނޑެކެވެ. ކެރިއަރުގައި ރޮނާލްޑޯ މިހާތަނަށް ހެލޭ ޖެހުމުން 57 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، އޭގެތެރެއިން 10 ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޕޯޗުގަލްގެ ޤައުމީ ޓީމަށެވެ. ރޭގެ މެޗަކީ ރޮނާލްޑޯ ޕޯޗުގަލްއަށް ކުޅެދިން 165 ވަނަ މެޗެވެ.
????? Ronaldo passes 100 Portugal goals as holders win...#NationsLeague
— UEFA Nations League (@EURO2020) September 8, 2020
މިހާތަނަށް ޤައުމީޓީމަށް 100 ލަނޑު ހަމަކޮށްފައިވަނީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ ރޮނާލްޑޯއާއި އީރާނުގެ ލެޖެންޑް ޢަލީ ދައެއީއެވެ. ޤައުމީޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓްގެ ދެވަނާގައި ރޮނާލްޑޯއޮތްއިރު، 109 ލަނޑާއެކު މިލިސްޓްގެ އެއްވަނާގައި އޮތީ އީރާނުގެ ލެޖެންޑް ޢަލީ ދައެއީއެވެ. އަދި މިހާރު ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރޭގައި މިލިސްޓްގެ ކުރީގައި 72 ލަނޑާއެކު އިންޑިއާގެ ސުނިލް ޗެތުރީ އޮތްއިރު 70 ލަނޑާއެކު ދެން އުޅެނީ އާޖެންޓީނާގެ ކެޕްޓަން އަދި ވާދަވެރި ލިއޮނަލް މެސީއެވެ. ސުނިލް ޗެތުރީ މިލިސްޓުގެ 10 ވަނާގައި އުޅޭއިރު މެސީ އުޅެނީ 15 ވަނާގައެވެ.
ފަސް ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ޕޯޗުގަލްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ 2004 ވަނަ އަހަރުގެ ޔޫރޯގައެވެ.




