އޮކްސްފޯޑް ކޮވިޑް-19 ގެ ވެކްސިންގެ ޓެސްޓްތަކުގައި ބައިވެރިވި ބައެއް މީހުންނަށް ގޮތް ނޭގޭ ބައްޔެއް ވުމުގެ ސަބަބުން ޓެސްޓްތައް ހެދުން ހުއްޓާލައިފިއެވެ.
ޔުނިވާސިޓީ އޮފް އޮކްސްފޯޑް އާއި ގުޅިގެން އޭސްޓްރަޒިނީކާ އިން އުފައްދާ މި ވެކްސިންގެ ޓެސްޓްތައް ހެދުން ހުއްޓާލާފައި ވަނީ ފޭސް 3 ގެ ޓެސްޓްތައް ކުރިއަށް ގެންދަނިކޮށެވެ.
އޮކްސްފޯދްގެ މި ވެކްސިންގެ ޓެސްޓްތައް ކާމިޔާބު ވެއްޖެނަމަ އޮސްޓްރޭލިއާގެ ސްރުކާރުން ވަނީ މި ވެކްސިން ހޯދުމަށް އެގްރީމެންޓެއް ހަދާފައެވެ.
އޭސްޓްރަޒިނީކާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފޭސް 3 ޓެސްޓްތައް އަމިއްލަޔަށް ހުއްޓާލާފައިވާ ކަމަށާއި ހުއްޓާލާފައިވަނީ މި ކަންތައް ކޮމިޓީ އަކުން ބެލުމަށް ކަމަށެވެ. އަދި އެތައް ބަޔަކު ބައިވެރިވެގެން ހަދާ މިފަދަ ޓެސްޓްތަކުގައި ބަލިވެސް ވާނެ ކަމަށައި ނަމަޗެސް މިފަދަ ކަންކަން ރައްކަތެރިކަމާއެކު ބަލަންޖެހޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ އޮކްސްފޯޑްގެ ކޮވިޑް-19 ގެ ވެކްސިންގެ 33.8 މިލިއަށް ޑޯސް އެގައުމުގައި އުފެއްދުމަށް ވަނީ ތައްޔާރުވެފައެވެ. އަދި ޔުނިވާސިޓީ އޮފް ކްއީންސްލޭންޑް އިން އުފައްދާ ވެކްސިންގެ 51 މިލިއަން ޑޯސް އުފެއްދުމަށް ވެސް ވަނީ ތައްޔާރުވެފައެވެ.
މި 84 މިލިއަން ޑޯސް އެ ގައުމުގައި މިއަންނަ އަހަރު ހިލޭ ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. އަދި އޮކްސްފޯޑްގެ ވެކްސިން މިއަންނަ އަހަރުގެ ޖެނުއަރީ މަހު ބޭނުންކުރެވޭނެ ކަމަށް އެގައުމުގެ ސްރުކާރުން ބުނެފައި ވެއެވެ.




