ނޭޝަންސް ލީގު: ފްރާންސް މޮޅުވިއިރު، އިންގްލޭންޑް އެއްވަރު

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ފްރާންސް ކޮރޭޝިއާއާއި ބައްދަލުކޮށް މޮޅުވެފައިވާއިރު، އިންގްލޭންޑް އަދި ޑެންމާކް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ފްރާންސްގެ ސްޓޭޓް ޑި ފްރާންސް ސްޓޭޑިއަމްގައި ކުޅުމެޗުގައި ކޮރޭޝިއާގެ މައްޗަށް ފްރާންސުން ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ކޮރޭޝިއާއިންނެވެ. 16 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ޖަހާފައިވަނީ ލޮވްރެންއެވެ.

އަދި ފުރަތަމަ ހާފު ނިމެން އުޅެނިކޮން ގްރިޒްމަން ލަނޑެއްޖަހައި ފްރާންސަށް ނަތީޖާ ހަމަހަމަކޮށްދީފައިވާއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޮރޭޝިއާގެ ލިވަކޮވިޗް އަތުން ބައިކޮޅަށް ވަތްލަނޑަކާއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ ފްރާންސް ލީޑުގައި އޮވެއެވެ.

ދެވަނަ ފެއްޓުމާއެކު ކޮރޭޝިއާގެ ބްރެކަލޯ އިތުރު ލަނޑެއްޖަހައި ކޮރޭޝިއާއަށް ނަތީޖާ ހަމަހަމަކޮށްދިންނަމަވެސް އޭގެ ދިހަ މިނަޓްފަހުން އުޕަމެކާނޯވަނީ އަނެއްކާވެސް ފްރާންސަށް ލީޑު ނަގައިދީފައެވެ. އަދި ފްރާންސްގެ ހަތަރު ވަނަ ލަނޑު ޕެނަލްޓީއަކުން ކާމިޔާބުކޮށްފައިވާއިރު، 77 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އޮލިވަރ ޖިރޫޑެވެ. މިއީ ޖިރޫޑް ފްރާންސަށް ކާމިޔާބުކޮށްދިން 40 ވަނަ ލަނޑެކެވެ.

އުމުރުން 33 އަހަރުގެ ޖިރޫޑް ފްރާންސަށް މިހާތަނަށް 99 މެޗު ކުޅެދީފައިވާއިރު، 40 ލަނޑާއެކު އޭނާ ހިމެނެނީ ފްރާންސަށް އެންމެގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ތިންވަނާގައެވެ. 51 ލަނޑާއެކު މިލިސްޓްގެ އެއްވަނާގައި މަޝްހޫރު ތިއެރީ އޮންރީ އުޅޭއިރު، ދެވަނާގައި އުޅޭ މިޗެލް ޕްލާޓީނީވަނީ ފްރާންސަށް 41 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ޑެންމާކް އަދި އިންގްލޭންޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެ

ޑެންމާކްގައި ކުޅުނު މިމެޗު އެއްވަރު ވެފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލަނޑުޖަހާނެ ފުރުޞަތުތައް ދެ ޓީމަށްވެސްވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ޑެންމާކްގެ ކެސްޕާ ޑޮލްބާގްއާއި ކްރިސްޓިއަން އެރިކްސަން ފޮނުވާލި ހަމަލާގެ އިތުރުން މެޗުގެ ފަހު ކޮޅުގައި އިންގްލޭންޑްގެ ހެރީ ކޭން ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ