ލޯކަލް ކައުންސިލް އިންތިޚާބުން އިތުރު 3 ކެންޑިޑޭޓަކު ނަން ނަގައިފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު މިކޮމިޝަނުގެ ނަންބަރު IUL)38-AA/38/2020/5) އިޢުލާނުން ހުޅުވާލުމާ ގުޅިގެން ތިން ކެންޑިޑޭޓަކު ނަންގެންގޮސްފައިވާކަމަށެވެ.
އެގޮތުން ނަން އަނބުރާ ގެންގޮސްފައިވަނީ އދ. ކުނބުރުދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ނަންބަރު 9 އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ޢާއިޝަތު އާދަމް، މޫނިމާގެ / އދ. ކުނބުރުދޫ އަދި ފ. ފީއަލީ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތި ލާފައިވާ ކެންޑިޑޭޓް ނަންބަރު 10 ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، އަޙްމަދު ޢަލީ، ޑައިމަންޑްވިލާ / ފ. ފީއަލިގެ އިތުރުން ގދ. ވާދޫ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ނަންބަރު 8 އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، އަމާން ޢަލީ، އިރުދޭމާގެ / ގދ. ވާދޫއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އިލެކްޝަންސް ހުޅުވާލުމާއި ގުޅިގެން މީގެކުރިންވެސް ބައެއް ކެންޑިޑޭޓުންވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އޭގެތެރޭގައި އެމްޑީޕީ އަދި ޕީޕީއެމްގެ ކެންޑިޑޭޓުންވެސް ހިމެނެއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														