ށ. ފޯކައިދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރާޝިދު މިނޫހަށް ވިދާޅުވީ، އެރަށުގައި މިއަދު ހަވީރު 05:30 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށާއި، މިހާދިސާ ހިނގާފައިވަނީ އެރަށު އިންޖީނު ގޭގައި ހުންނަ ތެޔޮ ޓޭންކަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.
"ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ތެޔޮ އަޅަން ގެންގުޅުނު ޕަންޕުގައި އަލިފާން ރޯވީ. އަދި އެއަށްފަހު ތެޔޮ ނަގަން ހުރި ފީފާގައި ރޯވެ ފީފާވަނީ ގޮވާފައި." ރާޝިދު ވިދާޅުވިއެވެ.
ރާޝިދު އިތުރަށް ވިދާޅުވީ، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށާއި، ނަމަވެސް އެރަށު އިންޖީނު ގޭ ދޮށަށް ތެޔޮ ގެންދިޔަ ޕިކަޕްގެ އެއްފަޅިއަށް އެކިވަރުގެ ގެއްލުން ވެފައިވާކަމަށެވެ. އަދި ހާދިސާ ހިނގި ވަގުތު ފެނަކައިގެ މުވައްޒަފަކު އެތާނގައި ހުރި އަލިފާންނިވާ ބޭނުންކޮށްގެން ރޯވި އަލިފާންގަނޑު ވަގުތުން ކޮންޓްރޯލްކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.




