ޖުވެންޓަސްއަށް ކުޅެމުން އަންން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޕައުލޯ ދިބާލާއާއި ދެމެދު އޮންނަ ގުޅުން ގޯސް ނޫންކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މީގެ ދުވަސް ކޮޅެއްކުރިން ދިބާލާ ޔުވެންޓަސް ދޫކޮށްލަން އުޅޭކަމަށާއި ސަބަބަކީ ރޮނާލްޑޯއާއެކު އޮންނަ ގުޅުން ހީނަރުވުންކަމަށް ގިނަ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އެހެންނަމަވެސް މިހުރިހާ ވާހަކައަކީ ދޮގު ވާހަކަ ތަކެއްކަމަށާއި ރޮނާލްޑޯއާއެކު ކުޅެން ދިބާލާއަށް ލިބުނު މިފުރުޞަތަކީ ލިބުނު ބޮޑު ޝަރަފެއްކަމަށް ދިބާލާ ބުނެފައިވެއެވެ.
ރޮނާލްޑޯ ޔުވެންޓަސްއާއި ގުޅުނީ މިދިޔަ ހޫނު މޫސުމުގައެވެ. މިސީޒަންގައި ސީރީއާ ޔުވެންޓަސްއަށް ހޯދައި ދިނުމުގައި ބޮޑު ރޯލެއް އަދާކުރި ރޮނާލްޑޯ ލީގުގައި 21 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. ދިބާލާއަށް ކާމިޔާބުކޮށްދެވުނީ އެންމެ 5 ލަނޑެވެ.
ފަސް ފަހަރު ބެލެންޑޯ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ސީރީއާގައި ކުޅުނު ފުރަތަމަ ސީޒަންގައި ސީރީއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވަނީ ހޯދާފައެވެ.

" އަހަރެންނަށް ފުޓްބޯޅައިގެ ހަޔާތުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެކުޅުންތެރިންނާއެކު ކުޅުމުގެ ފުރުޞަތު މިވަނީ ލިބިފަ. ޔުވެންޓަސްގައި ރޮނާލްޑޯއާއެކު. އަދި އާޖެންޓީނާގައި މެސީއާއެކު. މިލިބުނު ޝަރަފު ބުނެދޭންވެސް ނޭނގޭ. " ދިބާލާ ބުންޏެވެ.
ޔުވެންޓަސްގެ ޖާޒީނަންބަރު 10 ކަށް ކުޅެމުން އަންނަ ދިބާލާ ޔުވެންޓަސްއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2022 ގައެވެ.
" އަންނަ އަހަރުވެސް އަހަރެން ބޭނުންވަނީ ޔުވެންޓަސްއަށް ކުޅެން " ޔުވެންޓަސް ދޫކޮށްލަން އުޅޭ ވާހަކައާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން ދިބާލާ ބުންޏެވެ.
ފަސް އަހަރަށްފަހު ޔުވެންޓަސް ކޯޗު އަލެގްރީވަނީ ޔުވެންޓަސް ދޫކޮށް ނިންމާފައެވެ. ޔުވެންޓަސްގައި މިހޭދަކުރި ފަސް އަހަރު އަލެގްރީ ޔުވެންޓަސްއަށް ސީރީއާ ކާމިޔާބުކޮށްދީފައިވެއެވެ.



