ހަފްތާ ބަންދުގައި ވިއްސާރަ ވާނެ: މެޓް

ކުރިއަށްއޮތް ހަފްތާ ބަންދުގައި ރާއްޖޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރައި، ވިއްސާރަ ވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ހާމަކުރައްވައިފިއެވެ.

މެޓް އޮފީހުން މިއަދު ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރައި އަނެއްބައި އަތޮޅުތަކަށް ވިއްސާރަ ވާނެ ކަމަށެވެ.

ހުކުރުދުވަހު މޫސުން ލަފާކޮށް މެޓްއޮފީހުން ވިދާޅުވީ، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ރާއްޖޭގެ ދެކުނުގެ ހުރިހާ އަތޮޅަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު ރާއްޖޭގެ އުތުރަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި މެދުރާއްޖެތެރޭ އާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.

ކުރިއަށްއޮތް 24 ގަޑިއިރުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ، މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރު އަތޮޅުތަކަށް މެންދުރުފަހުން ކެރީގެއަސަރުކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

"ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނު އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި  18  މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ. މިހެން ކަމުން ހުރިހާފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެން ވާކަމެއް ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ