އެމެރިކާގައި ތައުލީމު ހާސިލްކުރަމުންދާ ޗައިނާއަށް ނިސްބަތްވާ ހާހަކަށްވުރެ ގިނަ ދަރިވަރުންގެ ވިސާ ކެންސަލް ކޮށްފައިވާނޭކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ސަލާމަތައް ނުރައްކާ ހުރިކަމަށްބަލައި ގިނަ އަދަދެއްގެ ޗައިނާ ދަރިވަރުންގެ ވިސާ ކެންސަލް ކޮށްފައި މިވަނީ މިދިޔަ މެއިމަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް އެމެރިކާގައި އުޅޭ ޗައިނާއަށް ނިސްބަތްވާ ބަޔެއް ފަރާތްތައް ޗައިނާގެ އަސްކަރިއްޔާއާ ގުޅުން އޮންނަ ކަމަށް ވިދާޅުވެ ވާހަކަ ދައްކައިފައި ވަނިކޮށެވެ.
2018 ވަނަ އަހަރާއި އަދި 2019 ވަނަ އަހަރު އެމެރިކާގެ ޔުނިވާސިޓީތަކުގައި ތައުލީމް ހާސިލްކުރުމަށް ޗައިނާގެ 370،000 ގާތްކުރާ އަދަދަކަށް ދަރިވަރުންވަނީ އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. ޗައިނާއިން ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން އަންނަނީ ޗައިނާ ދަރިވަރުންނާއި ދެކޮޅަށް ނަސްްލީ ތަފާތުކުރުން ގެންގުޅެމުންނެވެ.
އެމެރިކާގެ ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގައި އިސްކޮށް ހުންނަވާ ޗެޑް ވުލްފް ވިދާޅުވި ގޮތުގައި އެގައުމުން ވިސާ ބާތިލު ކުރަނީ "ޗައިނާގެ އަސްކަރިއްޔާއާ ގުޅުން ހުރި އެގައުމުގެ ދަރިވަރުންނާއި އެމެރިކާގައި ރިސާޗު ހަދާ އެގައުމުގެ ބައެއް ރައްޔިތުންގެ" އެވެ.
ވިޔަފާރީގެ ކަންތައްތަކުގައި ޗައިނާއާއި އެމެރިކާގެ ގުޅުން މިފަހުން ވަނީ ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައެވެ. އަދި މިކަމުގެ ތެރެއިން ދެގައުމުން އަންނަނީ އެއްގައުމު އަނެއް ގައުމާއި ދެކޮޅަށް އެކިކަހަލަ ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅަމުންނެވެ.




