ވެލި ބަރުކޮށްގެން ދިޔައީ ބްރިޖް ހެދި ކުންފުނީގެ ބޯޓެއް ނޫން - ޗައިނާ އެމްބަސީ

ލ. ހިތަދޫ ކައިރިން ޤަވާއިދާ ޚިލާފަށް ވެލި ބަރުކޮށްގެން ދަތުރުކުރި ބޯޓަކީ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރިޔަށްގެންދިޔަ ޗައިނާގެ ސީ.ސީ.ސީ ކުންފުނީގެ ބޯޓެއް ނޫން ކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް އެ އެމްބަސީން ވިދާޅުވީ، ވެލި ބަރުކޮށްގެން ދަނިކޮށް ހިފެހެއްޓި ބޯޓަކީ ބްރިޖް މަޝްރޫޢު ކުރިޔަށްގެންދިޔަ ކުންފުނީގެ އުޅަނދެއް ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ދޮގެއް ކަމުގައެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މިހެން ވިދާޅުވިއިރު، ރޭ ކަސްޓަމްސް އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ އުޅަނދަކީ ސިނަމާލެ ބުރިޖުގެ ޕްރޮޖެކްޓުގައި ބޭނުންކުރުމަށް ޗައިނާގެ ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއްކަމާއި، އެއުޅަނދު ދަތުރުކޮށްފައިވަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނެތިކަމަށެވެ.

ކަސްޓަމްސްގެ ތުހުމަތު ދޮގުކުރި ނަމަވެސް އެ ބޯޓަކީ ޗައިނާގެ ބޯޓެއް ކަމެއް ނުވަތަ ނޫން ކަމެއް އެމްބަސީން ހާމަކޮށްފައެއް ނުވެއެވެ.

އަކަސްޓަމްސް އިން ވިދާޅުވީ، ރާއްޖޭގައި ހިންގާ އިޤްތިޞާދީ ބޮޑެތި ޕްރޮޖެކްޓްތަކަށް ގެނެވޭ މިފަދަ އުޅަނދުފަހަރަކީ ކަސްޓަމްސްގެ ހުއްދަނެތި އެހެން މަސައްކަތްތަކަށް ބޭނުންކުރުން މަނާތަކެތި ކަމަށެވެ. މިފަދަ އުޅަނދުފަހަރުގެ ކަންކަން ކަސްޓަމްސް އިން ބަލަހައްޓަނީ އެއުޅަނދަށް އައްޔަންކކުރެވޭ ކަސްޓަމްސްގައި ރަޖިސްޓްރީ ކުރެވިފައިވާ ލޯކަލް އެޖެންޓް މެދުވެރިކޮށް ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

“މިހެންކަމުން މި މައްސަލަ ކަމާގުޅޭ މުއައްސަސާތަކާއި ގުޅިގެން ތަޙްޤީޤު ކުރަމުން ދާ ކަމަށާއި، މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު “ހަރުކަށި ފިޔަވަޅު” އަޅާނެކަން މިފުރުޞަތުގައި ފާހަގަކުރަން.” ކަސްޓަމްސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެ ބޯޓަކީ ސީ.ސީ.ސީ ކުންފުނީގެ ސަބް ކޮންޓްރެކްޓަރެއްގެ ނަމުގައި އެތެރެ ކޮށްފައިވާ ބޯޓެއް ކަމަށާއި، ބޯޓު ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ބޯޓުގައި ރެޖިސްޓްރޭޝަން ނަންބަރާއި، ދިދައެއްވެސް ނެތް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ