އަލްހާން އެމްޑީޕީން ވަކިކުރީ ޕާޓީއަށް ޤައްދާރު ވުމުން ކަމުގައި އެމްޑީޕީގެ ކުރީގެ ކައުންސިލް މެންބަރު ޝުޢައިބު ޢަލީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނާއިބު މުޤައްރިރު ކަން ކުރައްވަމުން އަންނަ ޝުޢައިބު ޢަލީ ވިދާޅުވެފައި ވަނީ އެބޭފުޅާ ރިޔާސަތުގައި އިންނަވައިގެން އަލްހާން ޕާޓީ އިން ވަކި ކުރީ އަލްހާން ޕާޓީގެ އިސްމަޤާމެއްގައި ހުންނަވައިގެން ޕާޓީއަށް ޤައްދާރު ވުމުންކަމަށެވެ.
"އަޅުގަނޑަށް ލިބުނު ލިޔުންތަކާ، ބެލި ބެލުންތަކަށް ރިޢާޔަތް ކުރުމަށްފަހު" އަލްހާން އެމްޑީޕީއިން ވަކި ކުރިގޮތް ބުނެދެއްވަމުން ޝުޢައިބު ވިދާޅުވެފައިވެއެވެ.
ޝުޢައިބު ވަނީ އަލްހާން ޕާޓީން ވަކި ކުރުމުން ކޯޓަށް ވަޑައިނުގަތީ ކީއްވެތޯ ސުވާލުވެސް ކުރައްވާފައެވެ.
ޝުޢައިބު މި ވާހަކަ ފުޅާއި ގުޅިގެން އަލްހާން ވަނީ އެބޭފުޅާ ޕާޓީން ވަކި ކުރުމަށް އެމްޑީޕީގެ މައްސަލަ ބަލާ ކޮމެޓީން ކުރިޔަށް ގެންދިޔަ ބައްދަލުވުމުގެ ވީޑިއޯ ޙިއްސާ ކުރައްވާފައެވެ. އަދި ޕާޓީއަށް ޤައްދާރު ވުމަށް ކުރެއްވީ ކޮންކަމެއްތޯ އަލްހާން ވަނީ ސުވާލު ކުރައްވާފައެވެ.
އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުއަށް ފިޔަވަޅު އަޅައިދިނުމަށް ޝުޢައިބު ޕާޓީގެ ޗެއަރޕާސަން އޮނޮރަބަލް އަލްއުސްތާޛު ހަސަން ލަތީފް އަށް ދެންނެވުމާއި ގުޅިގެން އަލްހާން ވިދާޅުވެފައި ވަނީ ޝުޢައިބު ފިޔަވަޅު އަޅާ ކޮމިޓީގެ ރިއާސަތުގައި އިންނަވައިގެން ނަޝީދު ވިދާޅުވެގެން އެއްވެސް ސަބަބަކާނުލާ އަލްހާން އެމްޑީޕީން ވަކި ކުރި ދުވަސް ހަނދާނަށް އަންނަ ކަމަށެވެ.
އަލްހާން އެމްޑީޕީން ވަކި ކުރި ސަބަބު ހާމަ ކުރައްވަމުން އަލްހާން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ނައިބުރައީސް ކަމުން އެބޭފުޅާ ވަކިކޮށް، އެންމެ ފަހުން ޕާޓީންވެސް ވަކިކޮށްލި ހަމަ އެކަނި ސަބަބަކީ ނަޝީދު ޖައްސަވާހާ ބެރަކަށް ނަށަން އަލްހާން ފޫގަޅައިގެން ނެތްކަން ސާފުކޮށް ބަހާ އަމަލުން ދައްކާދިނީތީކަމަށެވެ.



