"އީމާންތެރި ޒުވާނުންނަކީ ނަފްސާއި މުދަލުންވެސް ދީނާއި ޤައުމަށްޓަކައި ޤުރުބާންވާނެބައެއް"

ޒުވާނުންނަކީ ޤައުމެއްގެ އެންމެ އަގު ބޮޑު ރައުސްމާލުކަމަށާއި ޤައުމެއް ތަރައްޤީވެ ކުރިއަރައި ދިއުން ބިނާވެފައި ވަނީ ޤައުމުގެ ޒުވާނުންގެ ހުނަރާއި ސުލޫކާއި އެމީހުންގެ ހަރުދަނާ އަޤީދާގެ މައްޗަށްކަމުގައި މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ހަރުދަނާ އީމާންތެރި ޒުވާނުންނަކީ އެމީހުންގެ ނަފްސާއި މުދަލުންވެސް ދީނާއި ޤައުމަށްޓަކައި ޤުރުބާންވާނެބައެއް ކަމަށާއި، އެގޮތުން ޒުވާނުންގެ ހިތްތަކުގައި ޤައުމީ ލޯބިވެސް އާލާކޮށް ދިރުވަންޖެހޭކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ޒުވާނުން ސިފަކުރައްވައި ޚުތުބާގައި ވިދާޅުވެފައި ވަނީ ﷲ ދީން ހިމާޔަތްކޮށް އެދީނަށް ރަޞްރުދީ އަދި ޤައުމަށް ދިމާވާ ކޮންމެ ނުރައްކާތެރި ވަގުތެއްގައި ޤައުމު ދިފާއު ކުރުމުގައި އިސް ސަފުގައި ތިބޭނެ ވަރުގަދަ ފަހުލުވާނުންކަމަށެވެ.

އަޅުކަން ކުރުން މަތީގައި ހެދިބޮޑުވަމުން އަންނަ ޒުވާނާ އަށް ﷲ ތަޢާލާ ޤިޔާމަތް ދުވަހުން ވަރަށް މަތީ ދަރަޖައަކާއި ޝަރަފެއް ދެއްވާނެކަމުގައި ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

އެގޮތުން ﷲ ތަޢާލާގެ ހިޔާވަހިކަން ފިޔަވާ އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ ޤިޔާމަތްދުވަހު) އެކަލާނގެ ހަތް ބަޔަކަށް ޢަރްޝީގެ ހިޔާވަހިކަން ދެއްވައެވެ. އޭގެ ތެރެއިން އެއްބައެއްގެ ގޮތުގައި ޙަދީޘް ކުރައްވާފައި ވަނީ "އަދި ﷲ އަށް އަޅުކަން އަދާކުރުން މަތީގައި ބޮޑުވަމުން އަންނަ ޒުވާނާއެވެ."

ޒުވާންކަމަކީ ބޮޑުވެގެންވާ ނިޢުމަތެއްކަމަށާއި، ޒުވާންކަން ހޭދަކުރި ގޮތާ ބެހޭ ގޮތުން ޚާއްސަ ގޮތެއްގައި ސުވާލު ވެވޭނެކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ސީރަތަށް ބަލާއިރު އެކަލޭގެ ފާނުގެ ހަޔާތްޕުޅުގައި ޒުވާނުންނަށް އިސްކަން ދެއްވުމުގެ ގޮތުން އެކި ކަންކަމަށް ޒުވާނުން އިސްކުރައްވައި، ޢަމަލީ ގޮތުން އެތައްނަމޫނާއެއް ދައްކަވާފައި ވެއެވެ.

އެގޮތުން މުޙިންމު ލަޝްކަރުތަކުގެ އެންމެ އިސް ކޮމާންޑަރުންގެ ގޮތުގައްޔާއި، ޤައުމުތަކަށް ފޮނުވާ ސަފީރުންގެ ގޮތުގައި ޒުވާނުން އައްޔަން ކުރައްވާފައިވާކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ޒުވާނުންނަށް އިޝާރާތް ކުރައްވައި ޚުތުބާގައި ވިދާޅުވެފައި ވަނީ އެ ޒުވާނުންނަކީ ވަގުތުތައް ބޭކާރު ކުރުމެއްނެތި ދިރިއުޅުން އާރާސްތުކޮށް، އިޤްތިޞާދީ ފުދުންތެރި ޖީލެއްގެ ނަމޫނާ ދެއްކެވުމަށް ގަދައަޅައި މަސައްކަތް ކުރައްވައި، ޙަލާލު ރިޒްޤު ހޯދުމަށް މަސައްކަތް ކުރެއްވި ހިތްވަރުގަދަ ބޭކަލުންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ