މިރޭގެ ދަންވަރުގެ ވަގުތުގައި އިންޓަރނެޓް ހިދުމަތް ބޭނުން ކުރުމުގައި ދަތިތަކާއި ކުރިމަތިވެދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލް އިން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެބޭންކުން މިރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެއިންޓެނެންސް މަސައްކަތެއްގެ ސަބަބުން ބޭންކުން ދެމުންގެންދާ، އިންޓަރނެޓް ބޭންކިންގެ ހިދުމަތަށާއި، އޭޓީއެމްގެ ހިދުމަތަށާއި، ޕީއޯއެސް މެޝިންގެ ހިދުމަތަށާއި، ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށާއި، އަދި ޔޫއެސްޑީ ޕޯޓަލްގެ ހިދުމަތަށް ބުރޫއެރުން އެކަށީގެންވާ ކަމަށެވެ.
ބީއެމްއެލް އިން އިތުރަށް ބުނެފައިވަނީ ކުރަން ހަމަޖެހިފައިވާ މެއިންޓެނަންސް މަސައްކަތަކީ ދުރާލާ ރާވައިގެން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށާއި އަދި މި މަސައްކަތް ކުރާނެ ވަގުތު ކަނޑައަޅައިފައިވަނީ ވީހާވެސް ބޮޑަށް އެ ބޭންކުގެ ކަސްޓަމަރުންނަށް ދަތިނުވާނެ ވަގުތެއް ބަލައިގެން ކަމަށެވެ.
މިގޮތުން ބޭންކުން ބުނެފައިވަނީ މެއިންޓެނަންސް މަސައްކަތް ކުރިއަށްދާނީ މިރޭ ދަންވަރު 1:00 އިން 4:00 އާއި ދެމެދު ކަމަށެވެ.
Customers may face interruptions to Internet Banking, Payment Gateway, ATMs, POS Machines, MobilePay and USD portal between 1 - 4 am due to a planned maintenance. The timing has been selected to cause minimum disruption and we apologise for any inconvenience caused.
— Bank of Maldives (@bankofmaldives) September 11, 2020
މިފަހަކަށް އައިސް ބީއެމްއެލްގެ ތަފާތު މައްސަލަތައް ކުރިމަތިވެގެން އެ ބޭންކުގެ ގިނަ އަދަދެއްގެ ކަސްޓަމަރުން އަންނަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ. މިގޮތުން ބަޔެއް ކަސްޓަމަރުން އަންނަނީ އެމީހުންގެ އެކައުންޓުން ގޮތްނޭންގޭ ގޮތްގޮތައް އެކިއަދަދުތަކުން ފައިސާ ކަނޑަމުން އަންނަ ކަމަށްވެސް ބުނަމުންނެވެ.




