ޕީއެސްޖީގެ ބްރެޒިލްގެ ތަރި ނޭމާ ޕޫމާ އާއި ގުޅިއްޖެއެވެ.
ނޭމާ ޕޫމާ އާއި ގުޅިފައިވާކަން ހާމަކޮށްފައިވާއިރު، އޭނާގެ ސްޕޮންސަރު އެމެރިކާގެ ނައިކީން 15 އަހަރަށް ފަހު ވަކިވިފަހުން އަދި މިވީ ދެ ހަފްތާއެވެ.
އުމުރުން 28 އަހަރުގެ ނޭމާ ޕޫމާއައި ގުޅުމަށްފަހު ބުނެފައިވަނީ ފުޓްބޯޅައިގެ ލެޖެންޑުންނަށް އެހީތެރިވެދިން ބްރޭންޑެއްކަމަށްވާ ޕޫމާއާއި ގުޅެން އޭނާއަށް ލިބުމަކީ ލިބުނު ފަޚުރެއްކަމަށެވެ.
ޕޫމާއިން ސްޕޮންސަރކޮށްފައިވާ މަޝްޙޫރު ފުޓްބޯޅަ ލެޖެންޑުންގެ ތެރޭގައި، ޕެލޭ، ޖޯހަން ކްރައިފް އަދި އޫސެބިއޯގެ އިތުރުން މަޝްޙޫރު ޑިއޭގޯ މެރަޑޯނާވެސް ހިމެނެއެވެ.
The King is back !@pumafootball @PUMA pic.twitter.com/E6rbvWrltM
— Neymar Jr (@neymarjr) September 12, 2020
ނައިކީ އިން ނޭމާ ސްޕޮންސާކުރީ އޭނާގެ އުމުރުން 13 އަހަރުގައި، ބްރެޒިލްގެ ސަންތޯސްގެ ޖޫނިއާ ޓީމަށް ކުޅުނިއިރެވެ. އޭރު ނޭމާ އަކީ ކުރިމަގުގެ ތަރިއަކަށް ވާނެ ކަމަށް ބެލެވިފައި ހުރި ކުޅުންތެރިއެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ނޭމާ އާއި ނައިކީން ވަކިވީ އެއްބަސްވުން އާކުރާއިރު ލިބޭނެ އަދަދަކާ މެދު އެއްބަސްނުވެވިގެންނެވެ. އަދި ނޭމާ އާއި ނައިކީން އެންމެ ފަހުން ހަދާފައި އޮތީ 2022 ވަނަ އަހަރު ހަމަވާ ގޮތަށް އޮތް 11 އަހަރުގެ ކޮންޓްރެކްޓެއް ކަމަށާއި އޭގެ ދަށުން ނޭމާ އަށް ޖުމްލަ 105 މިލިއަން ޑޮލަރު ލިބޭނެ ކަމަށްވެސް ރިޕޯރޓްތަކުގައިވެއެވެ.
ބާސެލޯނާއާއެކު ހުއްޓުމެއްނެތި ކާމިޔާބީތައް ހޯދަމުންއައި ނޭމާ އެތަށް ބަޔަކު ސިއްސުވާލުމަށްފަހު ބާސެލޯނާ ދޫކޮށް ޕިއެސްޖީއަށް ބަދަލުވީ 2017 އޮގަސްޓްމަހުއެވެ. ނޭމާ ޕީއެސްޖީއަށް ބަދަލުވީ ރެކޯޑު އަގެއްކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ.
އޭގެ ފަހުން ބާސެލޯނާއިން މިދިޔަ ދެ ޓްރާންސްފާގައި ނޭމާ އަލުން އެކްލަބަށް ގެންދަން ވަރަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ރިޕޯރޓްތައް ބުނާގޮތުން ބާސެލޯނާގެ އެއްވެސް ހުށަހެޅުމެއް ޕީއެސްޖީއިންވަނީ ޤަބޫލުނުކޮށްފައެވެ. އަދި ޕީއެސްޖީގައި މަޑުކުރަން ބޭނުންވާކަމަށާއި، އެކްލަބާއެކު ޗެމްޕިއަންސް ލީގު ތަށި އުފުލާލަން ބޭނުންވާކަންވެސް ނޭމާ ދާދިފަހުންވަނީ ހާމަކޮށްފައެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލަށް ޕީއެސްޖީއާއެކު ނޭމާ ދަތުރުކުރިނަމަވެސް، ޕޯޗުގަލްގެ ލިސްބަންގައި ކުޅުނު ފައިނަލް މެޗު ބަޔާންއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުން ޕީއެސްޖީގެ މައްޗަށް ކުރި ހޯދައިގެންނެވެ.




