ސްޕެނިޝް ކޮޕަޑެލްރޭ ފައިނަލްގައި މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން ބާސާ ބަލިކޮށް ވެލެންސިއާ ކޮޕަޑެލްރޭގެ ތަށި އުފުލާލައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗު ވެލެންސިއާ ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރީކޮޅު ކައުންޓާ އެޓޭކްތަކުގައި ވަރުގަދަ ކުޅުމެއް ދެއްކި ވެލެންސިއާ މެޗުގައި ޖެހި ދެ ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުއެވެ.
ވެލެންސިއާގެ ފުރަތަމަ ލަނޑު 21 ވަނަ މިނަޓްގައި ގަމެއިރޯ ކާމިޔާބުކޮށްދިންއިރު ވެލެންސިއާގެ ދެވަނަ ލަނޑަކީ ރޮޑްރިގޯ ބޮލުން ކާމިޔާބުކޮށްދިން ވަރަށް ހިތްގައިމު ލަނޑެކެވެ. މިލަނޑު ފެނިގެން ދިޔައީ މެޗުގެ 33 ވަނަ މިނަޓްގައެވެ.

ޓީމު އިތުރަށް ވަރުގަދަކޮށްގެން ދެވަނަ ހާފަށް ނިކުތް ބާސާގެ ކުޅުން ފުރަތަމަ ހާފާއި ވަރަށް ތަފާތެވެ. ގިނަ ވަގުތު ބޯޅ ގެންގުޅުނީ ވެލެންސިއާ ހާފުތެރޭގައެވެ. އެހެން ނަމަވެސް ޖެހެނު ދެގޯލާއެކު ޑިފެންސް ވަރުގަދަކޮށް ކުޅެމުންދިޔަ ވެލެންސިއާގެ ގޯލް ފޫއަޅުވާލަން ވަރުގަދަ ބާސާއަށް އުނދަގޫވިއެވެ.
ބާސާގެ ހަމައެކަނި ލަނޑު މެޗުގެ 73 ވަނަ މިނަޓްގައި ފެނިގެންދިޔައީ ކެޕްޓަން ލިއޮނަލް މެސީގެ ފަރާތުންނެވެ. ލިބުނު ކޯނަރެއްގައި ލެންގްލެޓް ބޮލުންޖެހި ބޯޅަ ގޯލްކުރިމައްޗަށް ވެއްޓުނުއިރު މެސީ އެބޯޅަ ފޮނުވާލީ ހުސްކޮށް އޮތް ގޯލް ތެރެއަށެވެ.

މެޗުގައި އިތުރު ލަނޑެއް ޖެހޭތޯ ބާސާއިން ކުރި މަސައްކަތްވަނީ ބޭކާރުވެފައެވެ. ބާސާ ޓީމު އެއްކޮށްހެން އެޓޭކްގައި ކުޅެމުންދިޔައިރު ވެލެންސިއާއަށް މެޗުގެ ފަހު ކޮޅު ލީޑު ފުޅާކުރާނެ ރަނުގެ ދެފުރުޞަތެއްވަނީ ލިބިގެން ގޮސްފައެވެ.
މިއީ ވެލެންސިއާއިން ކޮޕާ ޑެލްރޭ ކާމިޔާބުކުރި އަށްވަނަ ފަހަރެވެ. މީގެ ކުރިން، އެންމެފަހުން ވެލެންސިއާއިން ކޮޕާ ޑެލްރޭ ކާމިޔާބު ކޮށްފައި ވަނީ މީގެ 11 އަހަރު ކުރިންނެވެ.
ކޮޕާ ޑެލްރޭގެ ތާރީޚަށް ބަލާއިރު، ބާސައަކީ މުޅި މުބާރާތުގައިވެސް އެންމެ ކާމިޔާބު ޓީމެވެ. ބާސާވަނީ 30 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައެވެ.