ފޮޓޯ: މޯލްޑިވްސް ޓުޑޭ

ރައީސް ޔާމީން މިނިވަންކުރަން ޑީއާރުޕީ އިން ގޮވާލައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އިއްޔެ ބެއްވި އެއްވުންތަކުގައި ހައްޔަރުކުރި އެންމެން މިނިވަންކުރަން  ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ގޮވާލައިފިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައެވެ. އެމަނިކުފާނު މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ.

ޑީއާރުޕީ އިން މިހެން ގޯވާލާފައި މިވަނީ އިދިކޮޅުގެ ޒުވާނުން އިސްނަގައިގެން އިއްޔެ މާލޭގައި އިންތިޒާމް ކުރި ސުލްޙަވެރި ސައިކަލް ބުރުގެ ތެރެއިން ގިނަ ޢަދަދެއްގެ ޒުވާނުން ހައްޔަރުކޮށްފައިވުމާއި ގުޅިގެންނެވެ.

އިއްޔެގެ އެއްވުމާއި ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. ފުލުހުން ވިދާޅުވީ މި މީހުން ހައްޔަރުކޮށްފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭގޮތަށް، އެޗްޕީއޭގެ ގައިޑްލައިން ތަކާއި ޚިލާފަށް އެއްވުމާއި ގުޅިގެން ކަމަށެވެ.

ޑީއާރުޕީ އިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އަކީ އުޒުރަކަށް ހަދާ، ރައްޔިތުން ހިޔާލު ފާޅުކުރަން މަގުމައްޗަށް ނުކުތުމުން، ވެރިޔަކީ ކާކުކަން އޮޅިފައިވާ އެމްޑީޕީ ސަރުކާރުން، ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުން ވަރަށް ހަރުކަށިކޮށް ޑީއާރުޕީ އިން ކުއްވެރި ކުރާ ކަމަށެވެ. އަދި އެއްވުމުން ހައްޔަރުކުރި އެންމެންނާއި ޕީޕީއެމްގެ ލީޑަރ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްް ވަގުތުން ދޫކޮށްލުމަށެވެ.

އިދިކޮޅުން އިއްޔެ ސައިކަލް ބުރު ފަށާފައިވަނީ ރަސްފަންނު ސަރަހައްދުންނެވެ. އަދި ފުލުހުން މި ސައިކަލް ބުރު ކުރިއަށް ގެންދިއުމަށް ހުރަސްއެޅުމާއި ގުޅިގެން ވަކި ހިސާބަކުން ސައިކްލްބުރު ހިނގާލުމަކަށް ވަނީ ބަދަލުކޮށްފައެވެ.

ކޮވިޑް-19 ގެ މި ހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ