ފޮޓޯ: މޯލްޑިވްސް ޓުޑޭ

ރައީސް ޔާމީންގެ މައްސަލައެއް މާދަމާއަށް ތާވަލްކޮށްފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލައެއް މާދަމާއަށް ތާވަލްކޮށްފިއެވެ.

ސްޕްރީމް ކޯޓުން ބުނެފައިވަނީ ރައީސް ޔާމީނަށް ދަޢުވާކޮށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ 10:00 ގައި ކަމަށެވެ.

އެންމެ ފަހުން މިމައްސަލައިގެ އަޑުއެހުމެއް މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުއެވެ. އެދުވަހުގެ މައްސަލަ ނިންމާލައްވާ އޭރުގެ އުއްތަމަ ފަނޑިޔާރު ވަނީ ދެން މައްސަލައިގެ އޮންނާނީ ހުކުމް އިއްވުން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މާދަމާއަށް ތާވަލްކޮށްފައި މިވަނީ މިމައްސަލައިގެ ޙުކުމް އިއްވުމެވެ.

މާދަމާއަށް ތާވަލްކޮށްފައިވާ ޤަޟިއްޔާގެ ނަންބަރަކީ 2019/އެސްސީ-އޭ/31 އެވެ. އެއީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒުކޮށްދިނުމަށް އެދި ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވާ މައްސަލައެކެވެ. މިދިޔަ އަހަރުގެ މެއި މަހު ބޭއްވި ޝަރީއަތެއްގައި، ޕީޖީގެ ފަރާތުން އެގޮތަށް އެދުނީ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު، ހައިކޯޓުން ބާތިލުކުރުމާ ގުޅިގެންނެވެ.

ކުރިމިނަލް ކޯޓުން ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރެއް ނެރުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. އަދި އެކަމާ ގުޅުން ހުރި ފައިސާ ނުހިފަހައްޓައިފިނަމަ، އެ ފައިސާއިން މާލީ މަންފާއެއް ހޯދުމަށް ފުރުސަތު ހުޅުވިފައި އޮންނާނެކަމަށްވެސް ސްޕްރީމްކޯޓުންވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ