އެކްޓަރު ޖުމައްޔިލު ނިމާލްއަށް ކޮށްފައިވާ ރޭޕްގެ ތުހުމަތުތަކާއެކު، މަޝްހޫރު ޕްރޮޑަކްޝަން ހައުސް "ޑާކް ރެއިން އެންޓަޓެއިންމެންޓް" ގެ ކުރިއަށްހުރި ހުރިހާ މަސައްކަތަކުން ޖުމައްޔިލު ބޭރުކޮށްފައިވާއިރު ޑާާކް ރެއިންގެ ކުރިއަށް އޮތް ބިރުވެރި ފިލްމު "ބަޅިނދު"ގެ ލީޑްރޯލުން ޖުމައިލް ވަކިކުރުމަށްފަހު އަލީ އާޒިމް (ދޮން އައްޔަ) އާއެކު އަލުން ޝޫޓިން ފަށައިފިއެވެ.
ޑާކް ރެއިން އެންޓަޓައިންމެންޓް އިން މައުލޫމާތު ދިން ގޮތުގައި ކޮވިޑް-19ގެ ލޮކްޑައުންގެ ކުރިން މިފިލްމުގެ 45 ޕަސެންޓް ޝޫޓިން ނިންމިފައިވާ ކަމަށާއި، އެހެންނަމަވެސް ލީޑްރޯލު ބަދަލުވުމާއެކު ޝޫޓިން އަލުން ބަލުން އެއްކޮށް އަލުން ކުރާކަމަށެވެ.
ޖުމައިލްގެ ހުރިހާ މަންޒަރެއް ވާނީ އަލުން ޝޫޓް ކޮއްފައިކަމަށާއި، އޭނާގެ ބަދަލުގައި ދެންފެނިގެންދާނީ ދޮންއައްޔަ ކަމަށްވެސް ޑާކް ރެއިން އިން ބުންޏެވެ.
ލޮކްޑައުންގެ ސަބަބުން ފިލްމުގެ ޝޫޓިން ހުއްޓިފައި އޮތުމަށްފަހު މިހާރު ބާރު ސުޕީޑްގައި ކުރިއަށްދާ ކަމަށްވެސް ޑާކް ރެއިން އިން ބުންޏެވެ.
ފިލްމު “ބަޅިނދު”ގެ މުހިންމު ކެރެކްޓަރތައް ކުޅޭ ކާސްޓުންގެ ތެރެއިން، އައިމިނަތު ރަޝްފާ (އާޝާ) އަލީ އާޒިމް (ދޮން އައްޔަ)، އިސްމާޢީލް ޖުމައިހް (ޖުމާ) ، ނުޒުހަތު ޝުއައިބް (ނުޒޫ)، ޝަރަފް، މަރިޔަމް މަޖުދާ (މަޖޫ)، ހޫނު އަދި އައިޝާ ހިމެނެއެވެ.
“ބަޅިނދު”ގެ ކާސްޓުންގެ ޕޯސްޓަރުތަކުގެ ފަހަތުން ފިލްމްގެ ޓީޒާއިން ދައްކާލި، އަރަބި އަދި ދިވެހި އަކުރުން ލިޔެފައިވާ ބޯޑު ފެނިގެންދެއެވެ. ބެލެވޭގޮތުގައި މިއީ ފަންޑިތަ ސިހުރު ހެދުމަށް ތަށި ނުވަތަ ރުފިޔާ ދުއްވުމަށް އަކުރު ޖަހާގޮތަށް ފެނިގެންދާ އެއްޗެކެވެ.
މީގެ އިތުރުން، މި ފިލްމްގެ ޕޯސްޓަރުތަކުގައި، މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެއްކަން ލިޔެފައިވެއެވެ.
ބިރުވެރި ހާދިސާއެއް ފެނިގެންދާނެ މި ފިލްމާކީ ޑާކް ރެއިން އިން އުފައްދާ ދެވާނަ ފީޗާރޑް ބިރުވެރި ފިލްމެވެ. ކުރިން ގެނެސްދީފައިވަނީ ތްރީޑީ “ފަތިސް ހަނދުވަރުގެ ފެށުން”އެވެ.
"ބަޅިނދު"އިން ޖުމައްޔިލު ބޭރުކޮށް، އެ ރޯލު ދޮން އައްޔަ އަށް!



